ދިރާގު ޓީވީއިން ދިވެހި މަޝްހޫރު މޭކްޕް އާޓިސްޓް ރުތްބާ އާއި ގުޅިގެން މޭކަޕް ޝޯ އެއްގެ ކޮންޓެންޓް އުފެއްދުމަށް ސޮއިކޮށްފިއެވެ.
ރުތްބާ އަކީ ރާއްޖޭގެ ފުންނާބު އުސް އެއް މޭކަޕްއާޓިސްޓެވެ. ރުތްބާގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެއް ފެނެގިންދިއައީ 2019 ވަނަ އަހަރު "ވައިޓް ފަޔާ" ގެ ނަމުގައި މޫސުމަށް އަންނަ ބަދަލާ ބެހޭގޮތުންނާއި ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ދައްކުވައިދޭން ބޭއްވި ފޮޓޯގްރަފީ އެކްސިބިޝަނުގައެވެ. މީގެ އިތުރުން ރުތުބާވަނީ ޔޫތު މިނިސްޓްރީއާ ގުޅިގެން މޭކަޕް ކޭމްޕެއްވެސް ބާއްވާފައެވެ. "މޭކަޕް ބައި ރުތްބާ" ވެގެން ވާނީ މި ފަދަ ގޮތަކަށް ދިވެހި ޓީވީ ޕްލެޓްފޯމެއްގައި ނެރޭ ފުރަތަމަ ޝޯއަށެވެ. އެ ސީރީޒް ދިރާގުޓީވީގެ ވީޑިއޯ އޮން ޑިމާންޑް ލައިބްރަރީ އިން މިއަހަރު ތެރޭގައި އާންމުންނަށް ފެނިގެންދާނެއެވެ.
ރުތްބާ ބުނީ ދިރާގުން އެފަދަ ފުރުސަތެއް އޭނާއށް ދިންކަމީ އޭނާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެކެވެ. ދިރާގުޓީވީއިން ދިވެހި ފަންނުވެރިން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ދިވެހި އާޓިސްޓުން އަބަދުވެސް ބަލައި ގަންނަކަން ފާހަގަކޮށް ރުތުބާ ބުނީ އެ ޝޯއަކީ އޭނާއަށް ލިބިފައިހުރި ހުނަރާއި ތަޖުރިބާ އާންމުންނާއި ދަސްކޮށްދިނުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
ދިރާގު ޓީވީން ކުރިއަށް އޮތް ތާނގައިވެސް ދިވެހި ފަންނާނުންގެ އުފެއްދުންތަށް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީޑިއޯ އޮންޑިމާންޑް ޕްލެޓްފޯމުގައި ހާއްސަ ފުރުސަތުތަށް މަގު ފަހިކޮށްދެމުންދާނެ ކަމަށް ދިރާގުން ބުންޏެވެ. އެގޮތުން ދިރާގުގެ އަމާޒަކީ އެކުންފުނިން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފަންނުވެރިންނަށް ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް ގެންގޮސްދިނުން ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމައަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ. ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީ ތައާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިއެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ 74 ޕަސެެންޓް ޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.