ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އުތުރުގެ މާހަސިންތާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުރާވަޑައިގެންފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރައީސް ސޯލިހު އުތުރުގެ މަހާސިންތާއަށް ފުރާވަޑައިގަންނަވާފައިވާ ކަމަށެވެ. ދަތުރުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
އުތުރު މަހާސިންތާ ބާއްވާ ގޮތަށް ހަމަޖެހިފައި ވަނީ ހދ. ކުޅުދުއްފުށީގައެވެ. މިމަހުގެ 13 އިން 15 އަށް އުތުރު މަހާސިންތާއަށް ކުރީގެ ރައިސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުތުރުގެ ރަށްތަކަށް ވަޑައިގަންނަވާފައި ވާއިރު، އިއްޔެ ވަނީ ހއ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ. އަދި މިއަދު ވަނީ ހދ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ.
މަހާސިންތާގައި ރަށްތަކަށް ވަޑައިގެން ނަޝީދު ވަނީ އެ ރަށްރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެޖެންޑާ 19 އިން ވައުދުވީ ކަންތަށްތަށް ފުއްދުމާއި އެޖެންޑާ 19ގައި ހިމެނޭ ވައުދުތައް ރައްޔިތުންނަށް ސާފުކޮށް ދެމުންދާ ކަމަށް ވިދާޅުވެ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެވައުދުތައް ފުއްދުމުން ގައުމަށާއި އިގްތިސޯދަށް ވެގެންދާނެ ގޮތް ރައްޔިތުންނަށް ކިޔާދެމުން ގެންގޮސްފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.
އެޖެންޑާ 19 އުފެދިގެން އައީ އެވައުދުތައް ފުއްދުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް ކަމަށާއި އެޖެންޑާ 19 ގެ ވައުދުތައްވެސް އެމްޑީޕީން ފުއްދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމަށްވެސް ރައްޔިތުންގެ ކިބައިން ވަނީ އެދިފައެވެ. އަދި އެޖެންޑާ 19 ގެ އަމާޒަކީ ކައުންސިިލް އިންތިހާބް ކާމިޔާބްކޮށް، ފާސްކުރެވުނު ގާނޫނުތައް ކައުންސިލްތައް މެދުވެރިކޮށް ތަންފީޒުކުރުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ދެކުނުގެ ހަތަރު އަތޮޅުގެ ކައުންސިލްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި “ދެކުނު މަހާސިންތާ” ގއ. ވިލިނގިލީގައި ބާއްވާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހެވެ. ތިން ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މަހާސިންތާގައި ލ. އަތޮޅު ކައުންސިލާއި ގދ. އަތޮޅު ކައުންސިލްގެ އިތުރުން ގއ. އަތޮޅު ކައުންސިލުން ވަނީ ބައިވެރި ވެފައެވެ.
މަހާސިންތާތައް ކުރިއަށް ގެންދަނީ މަޝްވަރާ ކުރާ ކަންކަމަށް ހައްލެއް ހޯދޭނެ ކަމުގެ އުއްމީދުގައެވެ.