މި ސަރުކާރު ނުވެއްޓި އޮންނަނީ ކޯލިޝަންގެ ސަބަބުން ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންނަށް ހައްގު މިންވަރު ކަނޑައެޅި އިރުވެސް ކޯލިޝަން އޮތް ކަމަށާއި، ވެރިކަމަށް އައީ ކޯލިޝަނުންވެސް ކުރި މަސައްކަތުން ކަމަށެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީ މެންބަރުންނަށް ހައްގު މިންވަރު ނުލިބިގެން އުޅެނީ ކޯލީޝަނާ ހެދި ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.
އެޖެންޑާ 19 ރަށަށް ނަމުގައި އެމްޑީޕީން ބޮޑުތިލަދުންމައްޗަށް ކުރާ ދަތުރުގައި މިއަދު އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މެމްބަރުން އުއްމީދު ކުރި މިންވަރު އެ މެމްބަރުންނަށް ނުލިބޭ ކަމަށެވެ. އަދި އެމްޑީޕީ ވެެރިކަމަށް އައުމުން ރަށްތަކުގައި ތިބި އެމްޑީޕީ މެމްބަރުންނަށް އޭގެ އެންމެ ފުރިހަމަ ހިތްހަމަޖެހުމެއް ލިބެމުން ނާންނަ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއިން ސާފުވީ ކަމަކީ ދިވެހި ރައްޔިތުން ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއް ކަމަށެވެ. އަދި ރާއްޖޭގައި އޮންނަން ޖެހޭނީ ރައްޔިތުންގެ ވެރިކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރު ކޯލިޝަނުގެ ތެރޭގައި ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއަށް ރައީސް މައުމޫން އިސްވެ ހުންނަވާ އުފެއްދި އެމްއާރްއެމް އަދި އަދާލަތު ޕާޓީ ހިމެނެއެވެ.
ނަޝީދު ވަނީ މީގެކުރިންވެސް ބައެއް ފޯރަމްތަކުގައި ކޯލިޝަން ޕާޓްނަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެންމެ ބޮޑަށް ފާޑު ކިޔާފައި ވަނީ ޖޭޕީއަށާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށެވެ.