ފިލިޕީންސްގައި 2 ވަނައަށް އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދަ ކަމަށްވާ ތާލް އަލިފާން ފަރުބަދައިން އާދަޔާ ހިލާފު ގަދައަށް، ދިޔާ އަލިފާން (ލާވާ) ބޭރުވާން ފަށައި، ނުރައްކާތެރި ގޮވުމެއްގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެއްޖެއެވެ.
އަލިފާން ފަރުބަދައިން ދިޔާ އަލިފަން ބޭރުވާން ފަށާފައިވާއިރު ފުރާނައަށް ނުރައްކާވާ ވަރުގެ ވަރުގަދަ ގޮވުމެއް، ކުރިއަށް މަދު ދުވަސްކޮޅެއް ނުވަތަ ގަޑިއިރުކޮޅެއްގެ ތެރޭގައިވެސް ގޮވާފާނެ ކަމަށްވެސް ޚަބަރު ލިބެއެވެ.
ވެރިރަށް މެނީލާގެ ގާތްގަނޑަކަށް 70 ކިލޯމީޓަރު ދުރުން އޮންނަ ތާލް އަލިފާން ފަރުބަދައިން އާދަޔާ ހިލާފު ގަދައަށް އަޅި ބޭރުވާން ފެށުމުން 8000 އެއްހާ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
ކޯރެއްގެ މެދެއްހާ ހިސާބުގައި ހުރި މި އަލިފާން ފަރުބަދައަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ކުޑަ އަލިފާން ފަރުބަދައެކެވެ. މި އަލިފާން ފަރުބަދައިގެ ތާރީހަށް ބަލާއިރު، ފާއިތުވީ 450 އަހަރެއްހާ ދުވަހުގެ ތެރޭގައި 34 ފަހަރެއްގެ މަތިން މި އަލިފާންފަރުބަދަ ގޮވިކަމަށް ވަނީ ރެކޯޑްކުރެވިފައެވެ. 1974 ވަނަ އަހަރު ގޮވި ގޮވުން، އެތައް މަހަކަށް ދެމިގެންދިޔައެވެ.
ތާލް އަލިފާން ފަރުބަދައިގެ ހަރަކާތްތެރިކަން އިތުރުވެ، ވަރުގަދަ ގޮވުމަކުން ގޮވާއިރު ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރުވެސް މިހާރު ވަނީ ދީފައެވެ.