މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިކޮށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލުމުގައި ބައިވެރިވެފައިވަނީ އެކަކު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ގާސިމް ހަސަންގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު، އަދުހަމް މުހައްމަދެވެ. އޭނާ ވަނީ ގާސިމް މަރާލި ކަމަށް އެއްބަސްވެފައެވެ. ފުލުހުން ވަނީ އޭނާ ގާސިމް މަރާލީ ފޭރެން އުޅުމުގެ ތެރޭގައި ކަމަށް ބުނެފައެވެ.
ފުލުހުން ވަނީ ގާސިމް މަރާލުމުގައި ޅ. ހިންނަވަރު، ބޮޑުހިޔާގެ އަދުހަމް މުހައްމަދު ނޫން އިތުރު މީހަކު ހަރަކާތްތެރިވެފައިވާ ކަމަށް ނުބެލެވޭ ކަމަށް ބުނެފައެވެ. ނަމަވެސް އޭނާ އެވަގުތު ލައިގެން ހުރި ގަމީސް ހުޅުމާލޭގައި ފޮރުވުމަށާއި އެހެން ގަމީހެއް ހޯދައިގެން މާލެ ދިއުމުގައި އިތުރު މީހެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޖަލްސާއެއްގައި އާދަމް ޝަރީފް ވަނީ ގާސިމް މަރާލުމުގައި އަދުހަމް އެކަނި ބައިވެރިވުން ނުވާ ކަމަށް ގަބޫލު ކުރާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.
"ހުޅުމާލޭގައި ޑްރައިވަރު ގާސިމް މާރާލީ އެއްމެ މީހެއްގެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ގައުމުގައި އެތައް ބައިވަރު މާރާމާރީތަކެއް ހިނގަމުންދާ ކަމަށާއި ފުލުހުންވެސް ވަނީ ރާއްޖޭގައި ވައްކަން ކުރުމާއި ކުށްތައް ގިނަވެފައިވާ ކަމަށް ބުނެފައި ކަމަށެވެ. ނަމަވެސް ރައީސް އޮފީހުން ނެރުނު ފޮތުގައި ކުށްތައް މަދުވި ކަމަށް ބުނެފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ގާސިމަށް ވަޅިން ބިރު ދައްކާ އޭނާގެ އަތުން ފައިސާ ފޭރިގަތުމަށް އަދުހަމް މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވަނީ، ގާސިމް އަމިއްލަ ދިފާއުގައި އަދުހަމް އަތުން ވަޅި އަތުލުމަށް މަސައްކަތް ކުރުމުންނެވެ. އަދި އޭނާ ގާސިމަށް ވަޅިން ހަމަލާދީފައި ވަނީ ގާސިމްގެ ހަޅޭކުގެ އަޑު ކަނޑުވާލުމުގެ ބޭނުމުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ އަދުހަމްގެ އަންނައުނު ހޯދާފައެވެ. އޭގެ ތެރޭގައި ގާސިމަށް ހަމަލާދިން ވަގުތު އޭނާ ލައިގެން ހުރި އަންނައުނާއި ހަމަލާ ދިނުމަށްފަހު އޭނާ ހުޅުމާލެއިން ހޯދި ގަމީސް ވެސް ހިމެނެއެވެ. މި މައްސަލާގައި އަދުހަމް އަތުލައިގެންފައި ވަނީ ކާރު ތެރެއިންނާއި އެކި ގޮތްގޮތުން ފުލުހުން ހޯދި ފޮރެންސިކް ހެކިތަކަށް ބިނާކޮށެވެ. ގާސިމް މަރާލި ކަމަަށް އަދުހަމް އިއުތިރާފް ވެފައިވީ ނަމަވެސް، މި މައްސަލަ ބިނާ ކުރާނީ އިއުތިރާފުގެ މައްޗަށް ނޫން ކަމަށް ފުލުހުން ބުނެއެވެ.