ތަފާތުކުރުމެއް ނެތި ބެއިލްގެ ފުރުސަތު ލިބުމަކީ އިންސާފުގެ ހަމަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ވަކީލު، އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ.
ބެއިލްގެ ފުރުސަތު ލިބުން ލަސްވާތީ އެކަމާ ކަންބުޑުވުން ފާޅުކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ތަފާތުކުރުމެއް ނެތި އެ މަނިކުފާނަށް ވެސް ބެއިލްގެ ފުރުސަތު ލިބިވަޑައިގަތުމަކީ އިންސާފުގެ ހަމަ ކަމަށެވެ.
ދޮޅުމަސް ވީއިރު ކޯޓުން ބެއިލްއާ މެދު ގޮތެއް ނުނިންމުމަކީ ކޮންކަހަލަ ހަމައެއްތޯ ސުވާލު އުފައްދަވަމުން އެމަނިކުފާނު ވިދާޅުވީ، ޖުޑިޝަރީ އިސްލާހު ވާނީ ގާނޫނީ ހައްގު ކަށަވަރުކޮށްދީ ލަސްނުކޮށް އިންސާފް ލިބުމުން ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ، 5 އަހަރަށް ޖަލަށްލުމަށާއި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް މިދިޔަ ނޮވެމްބަރު މަހު 28 ވަނަ ދުވަހު ހުކުމް ކުރުމަށް ފަހު އެމަނިކުފާނު މާފުށީ ޖަލުގެ ހާއްސަ ޔުނިޓެއްގައި ބަންދުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހެވެ.
މަނީ ލޯންޑްރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލީ؛ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ 1 މިލިއަން ޑޮލަރު ރައީސް ޔާމީން އަމިލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައެވެ. އަދި އެ ފައިސާގެ އަސްލު އޮޅުވާލެއްވުމުގެ ތުހުމަތުވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައެވެ.