ދިވެހި ސަރުކާރާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތަކުގައި ކުރާ ދިރާސާ ޕްރޮގްރާމްއެއް ފަށައިފިއެވެ.
މި ދިރާސާ ޕްރޮގްރާމަކީ ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގާ ދުރު ރާސްތާ މަޝްރޫއެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއެވެ.
ދިރާސާގެ ބޭނުމަކީ ކޮބާ؟
ރާއްޖޭގެ ކަނޑުފަޅުތަކުގައި މި ދިރާސާ ކުރުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ކަނޑުފަޅުގެ މާހައުލާ، އެ މާހައުލުގެ ދިރުންތަކަށް ބުރޫ ނާރާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއިއެކުގައިކަން ކަށަވަރު ކުރުމެވެ.
މި ދިރާސާގައި އެއްކުރެވޭ މައުލޫމާތަކީ، ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ކުރިޔަށްގެންދިޔުމުގެ އިތުރުން ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމަށް ސިޔާސަތު ކަނޑައެޅުމުގައި ބޭނުން ކުރެވޭނެ މައުލޫމާތުކަންވެސް ރައީސް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
ދިރާސާ ކުރިއަށްދާނީ ކިހިނެއް؟
މިދިރާސާގެ އެންމެ ފުރަތަމަ ދަތުރުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވާނީ ވެއިޓް އިންސްޓިޓިއުޓްގެ އިތުރުން ސްކްރިޕްސް އިންސްޓިޓިއުޓް ފޮ އޯޝަނޯގްރަފީގެ ސޭންޑިންގް ލެބާ، މިނިސްޓްރީ އޮފް ފިޝަރީޒްގެ ފަންނީ ބޭފުޅުންގެ އިތުރުން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ސައިންސްވެރިންނެވެ.
ސައްބީސް ދުވަހުގެ މިދަތުރުގައި ރާއްޖޭގެ އުތުރާއި ދެކުނުގައިވާ ފަރުތަކުގެ ހާލަތު ބަލައި، މަހުގެ އާބާދީ ވަޒަންކުރުން ފަދަ މުހިއްމު މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވެއެވެ. މި މައުލޫމާތު އެއްކުރުމަށް ސްކޫބާ ޑައިވް ކޮށްގެން ސާމްޕަލް ނެގުމާއި ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން އެތެރެވަރީގެ މާހައުލާ އެތަނުގައިވާ މައުދަންތަކުގެ އެކުލެވުން ވަޒަންކުރުމަށް ކެމެރާ ބޭނުންކުރެވޭނެއެވެ.
މި ދިރާސާގެ ސަބަބުން ކުރިޔަށްއޮތްތަނުގައި ރާއްޖޭގެ މަސްވެރިކަމާބެހޭ ސިޔާސަތު އެކުލަވާލުމާއި ކަނޑުތަކުގެ ދިރުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، އެފަދަ ކަންކަމުން ކުރިމަތިވާ ނުރައްކާ ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެހީތެރިވެދޭނެއެވެ. އަދި ސިޔާސަތު ކަނޑައެޅުމުގެ ތެރެއިން ތިމާވެށި ހިމާޔަތްކުރުމާ ކަނޑުރޯދިން ލިބޭ މަންފާ އިތުރުކުރުމަށް ފަސޭހަވެގެންދާނެއެވެ.