ބަންދުގައި މީހުން ބޭތިއްބުމާއި ރިހެބިލިޓޭޓް ކުރަން 400 މިލިއަން ރުފިޔާ ހޭދަނުކޮށް ކުދިންގެ ސުކޫލު ދައުރުގައި އެމްއެންޑީއެފަށް ވައްދައި ތަރުބިއްޔަތު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިގޮތަށް ވިދާޅުވެފައި ވަނީ މިދިޔަ އަހަރު ބަންދުގައި މީހުން ބޭތިއްބުމަށާއި އެމީހުން ރިހެބިލިޓޭޓް ކުރުމަށް 400 މިލިއަން ރުފިޔާ ހަރަދުވެފައިވާނެ ކަމަށް ބެލެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމާއި ގުޅިގެނެވެ.

ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަންދުގައި ބަންދުގައި ބައިތިއްބައިގެން 400 މިލިއަން ރުފިޔާ ހޭދަނުކޮށް، ސަލާމަތުން ތިބި ކުދިން ސުކޫލު ދައުރުގައި އެމްއެންޑީއެފަށް ވައްދައި ތަރުބިއްޔަތު ކުރަންޖެހޭ ކަމަށެވެ.

"ދެންވެސް ސަލާމަތުން ތިބި ކުދިން ސުކޫލު ދައުރުގެ ކޮންމެވެސް ހިސާބަކުން ސިފައިންގެ ތެރެއަށް ގެންގޮސް ދެ އަހަރެއްހާ ދުވަހު ތަރުބިއްޔަތު ކުރަންވީ ނޫންތޯ، މަސްތުވާތަކެއްޗާ ގާތްވާނަ ދުވަހުން ދުވަހަށް ވާނުވާ ބެލޭނެ، ކިޔަވަންވެސް ދެވޭނެ،" ރީކޯ މޫސަ ވިދާޅުވިއެވެ.

ފުލުހުންގެ 31 ވަނަ ރެކްރޫޓް ޓްރެއިނިން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީރު ވިދާޅުވީ މިދިޔަ އަހަރުގެ ކްރައިމް ސްޓެޓްސް ތަކަށް ބަލާއިރު ވައްކަމާއި ގެވެށި އަނިޔާއާ މަގުމަތީގެ އެކްސިޑެންޓްތަކާއި ޖިންސީ ފުރައްސާރާއާ މަސްތުވާތަކެއްޗާއި އެހެނިހެން ކުށްތަކުގެ 13،800 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. ރަނގަޅު ދިރާސާއެއް ކޮށްފިނަމައެ ކުށްތަކުގެ އިގްތިސޯދީ ގެއްލުން 100 މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.