ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މާފުށީ ޖަލުގައި 100 ޕަސެންޓް ރައްކާތެރިކަން އެބައޮތް ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހުން ފަށައިގެން ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކަރެކްޝަނަލް ސާވިސަސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން އަމާޒުކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުނާޒް ވިދާޅުވީ، މާފުށީ ޖަލުގަިއ ރައީސް ޔާމީނަށް 100 ޕަސެންޓް ރައްކާތެރިކަން އޮތް ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މުނާޒް ވިދާޅުވީ، ޖަލުގައި ހަމަ ނުޖެހުން ހިނގީ، ރިމާންޑް 100 އެއްހާ މީހުން ބައިތިއްބާފައި ހުރި އެންމެ ޔުނިޓެއްގައި ކަމަށާއި، މުޅި ޖަލުގައި ހަމަނުޖެހުން ހިނގައިގެން ނޫޅޭ ކަމަށެވެ. އަދި އެ ހަމަނުޖެހުންތަކަކީ ރައީސް ޔާމީންގެ ރައްކާތެރިކަމަށް އެޅޭނެ ހުރަހެއް ނޫން ކަމަށް ވެސް މުނާޒް ވިދާޅުވިއެވެ.
މުނާޒް މިހެން ވިދާޅުވެފައި މިވަނީ، މާފުށީ ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން 5 އަހަރު ދުވަހުގެ ސިޔާސީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަލާމަތާ ރައްކާތެރިކަމާމެދު އިިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އަދި އެމަނިކުފާނުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް މި ސަރުކާރަށް ގޮވާލަމުން އިދިކޮޅުން ވަނީ މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އަދި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލާފައެވެ.ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަ ކުރުމުގެ ކުށް ސާބިތުވެ، 5 އަހަރަށް ޖަލަށްލުމަށާއި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް މިދިޔަ ނޮވެމްބަރު މަހު 28 ވަނަ ދުވަހު ހުކުމް ކުރުމަށްފަހު އެމަނިކުފާނު މާފުށީ ޖަލުގެ ހާއްސަ ޔުނިޓެއްގައި ބަންދުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހެވެ. މަނީ ލޯންޑްރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލީ؛ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ 1 މިލިއަން ޑޮލަރު ރައީސް ޔާމީން އަމިލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައެވެ. އަދި އެ ފައިސާގެ އަސްލު އޮޅުވާލެއްވުމުގެ ތުހުމަތުވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައެވެ.