ހުޅުމާލޭގައި އަޅާ ބައިނަލްއަގްވާމީ ފެންވަރުގެ ސްޓޭޑިއަމްގެ މަސައްކަތް ދިވެހި ސަރުކާރުން ހަވާލު ކޮށްފައިވާ ޗައިނާގެ ކުންފުނީގެ އިސްވެރިންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލު ކުރައްވައިފިއެވެ.

ހުޅުމާލޭގައި އަޅާ ބައިނަލްއަގުުވާމީ ފެންވަރުގެ ސްޓޭޑިއަމްގެ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނީސް މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒާން ލިޒޯން އަދި ސީއެމްއީސީގެ ވަފުދުގެ ބޭފުޅުން މިއަދު ވަނީ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އޮލިމްޕިކް ސްޓޭންޑާޑުގެ ސްޓޭޑިއަމެއް ހުޅުމާލޭގައި ހެދުމަށްޓަކައި އެތަނުގެ ޑިޒައިންތަކާ ގުޅޭ ކަންކަމާމެދު ވަނީ މަޝްވަރާކޮށްފައެވެ.

ސީއެމްއީސީގެ ވަފުދުގެ ބޭފުޅުން ވަނީ ރައީސްގެ އިތުރުން ކަމާ ގުޅޭ އެހެން ބައެއް އިދާރާތަކުގެ އިސްބޭފުޅުންވެސް މިބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.

ސީއެމްއީސީގެ އިސްބޭފުޅުންނާއެކު، ރައީސް ބޭއްވެވި ބައްދަލުވުމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ދެ ގައުމު ދެމެދުގައި އޮންނަނީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށް މި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށެވެ. އަދި ރާއްޖެ އަށް އުމްރާނީ ތަރައްގީ ގެންނަން ޗައިނާ އިން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޝާހިދާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފު ވެސް ބައިވެރިވެވަޑައިގަތެވެ.

ރާއްޖޭގައި 2023 ގައި ބާއްވާ 11 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރު ކުރާ މި ސްޓޭޑިއަމާ ގުޅޭ މަޝްވަރާތަކަށް ސީއެމްއީސީގެ އިސް ވަފުދެއް ރާއްޖެއަށް މި އައީ އެއްބަސްވުމުގައި ސޮއި ކުރިތާ ހަތަރު މަސް ފަހުންނެވެ. އެ އެއްބަސްވުމުގައި ރާއްޖެއިން ސޮއި ކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 20 ގައި ސޮއިކުރެއްވި އެއްބަސްވުމުގައި ވާ ގޮތުން، އޭގައި ސޮއިކުރާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ސްޓޭޑިއަމް އެޅުމުގެ މަޝްރޫއާ ގުޅޭ ހުރިހާ ދިރާސާއެއްކޮށް، ލިޔެކިޔުންތައް ދިވެހި ސަރުކާރަށް ހުށަހަޅަން ޖެހެއެވެ.

ސީއެމްއީސީ އަކީ ރާއްޖޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ކުރިން ހިންގި ކުންފުންޏެކެވެ. އެ ކުންފުނިން މީގެ ކުރިން ވަނީ ހުޅުމާލެ އާއި ރާއްޖޭގެ ދެކުނުގެ އަށް ރަށެއްގައި 1،500 ހައުސިން ޔުނިޓް އަޅައިފައެވެ.