ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖު ދޭ ގޮތާބެހޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ހޫނަށް ފެނަށް ވެއްޓިފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި ޑީއާރްޕީން ވެސް ތެދުވެއްޖެއެވެ.
އަލީ ވަހީދަށް ފާޑުކިޔުން އަމާޒުވީ ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށް ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވުމާ ގުޅިގެންނެވެ. އެއާއެކު އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފާޑުކިޔުން އަލީ ވަހީދަށް އަމާޒުވުމުން އެންމެފަހުން އޭނާ ވަނީ މައާފަށް އެދިވަޑައިގެންފައެވެ.
ޑީއާރްޕީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިނިސްޓަރު އަލީ ވަހީދަކީ މިފަހުގެ ތާރީހެއްގައި އެންމެ ހަމަހަމަކޮށް ކަންކަން ނިންމަވަމުން ގެންދަވާ ޓޫރިޒަމް މިނިސްޓަރު ކަމަށާއި އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫން ކަމަށެވެ.
އަދި އަލީ ވަހީދު ގެންދަވަނީ މުވައްޒަފުންނާއި އިންވެސްޓަރުންގެ މަސްލަހަތު ވެސް ހިމާޔަތްކުރައްވަމުން ކަމަށާއި ވަކި ފަރާތެއްގެ ޒާތީ މަސްލަހަތާ ހެދި މިނިސްޓަރު އަލީ ވަހީދު ގޯސް ނުކުރުމަށްވެސް ޑީއާރްޕީން ވަނީ ގޮވާލާފަ އެވެ.
އަލީ ވަހީދު ދެއްކެވި ވާހަކަތައް ސާފުކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޖުމްލަ ގޮތެއްގައި ސާވިސް ޗާޖު ދިނުމުގައި އަމަލުކުރަނީ ރަނގަޅު ކަމަށް ނުވަތަ ގޯސް ކަމަށްވެސް ސީދާ މިނިސްޓަރު ވިދާޅުނުވާ ކަމަށެވެ. އޭގެ ބަދަލުގައި މިނިސްޓަރު ވިދާޅުވީ ފާހަގަކޮށްލެވޭ ބޮޑެތި "ކީ" އިންވެސްޓަރުންގެ ވާހަކަ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަލީ ވަހީދު ދެއްކި ވާހަކަތައް މިނިސްޓްރީން ސާފުކޮށްދީފައިވާއިރު އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ބައެއްފަހަރު "މެއިން ސްޓްރީމް" ވެގެން އަންނަނީ ރިސޯޓުން ކަނޑާލާ މީހާ ދައްކާ ވާހަކަ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ރިސޯޓުތަކުގައި ހުރި ޝަކުވާތައް ވެސް ގިނަފަހަރު ޓްވީޓު ކޮށްފައި ހުންނަނީ ވެސް ވަގު އެކައުންޓުތަކުން ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.