ސަރުކާރުން އިންކަމް ޓެކްސް ނަގަން ފަށާފައިވާއިރު އެ ވިޔަފާރިތަކަށް ރައްކާތެރިކަމާއި ހިމާޔަތް ހޯދައި ދޭންޖެހޭކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަ ކުރި ޓްވީޓުގައި ވިދާޅުވެފައި ވަނީ، އިންކަމް ޓެކްސް ނަގަން ފެށިއިރު، ޓެކްސް ދައްކާ މީހާ ހެޔޮ ގޮތުގައި ކުރާ ވިޔަފާރިތަކަށް ސަރުކާރުން ވެސް ރައްކާތެރިކަމާއި ހިމާޔަތް ދޭން ޖެހޭ ކަމަށާއި، އެންމެނަށް ވިޔަފާރި ކުރުމުގެ ފުރުސަތު އޮތް އިރު، އެކަން ކުރުމުގެ ހިތްވަރު ހުރި ކޮންމެ މީހަކުވެސް ވިޔަފާރިކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ރީކޯ މޫސަ މިހެން ވިދާޅުވެފައިވާއިރު، އާ އަހަރު ފެށުމާއެކު ވަނީ އިންކަމް ޓެކްސްގެ ގާނޫނަށް އަމަލުކުރަން ފަށާފައެވެ. އާމްދަނީން ޓެކްސް ނެގުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. އާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.އެގޮތުން މި ބިލަކީ އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމުކޮށް، އެކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މިގާނޫނުގެ ދަށަށް ޓެކްސް ނެގުމުގެ ނިޒާމު ބަދަލުކުރުމުން ވިޔާފާރި ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނާއި ރާއްޖޭގައި ހިންގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނާއި ރާއްޖޭގައި ހިންގާ ޕެޓްރޯލިއަމް ކުންފުނިތަކުން ކުރާ މަސައްކަތުން ޓެކްސް ނެގުމުގެ ގާނޫނު ވަނީ އުވިގެން ގޮސްފައެވެ. އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އުވިގެންދާ ޓެކްސްތަކުގެ ތެރޭގައި ބިމާބެހޭ ގާނޫނުގެ 18 ވަނަ މާއްދާގެ (ރ) ގެ ދަށުން ނަގަމުން އައި ޓެކްސްއާއި، އެ ގާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގެދަށުން ނަގަމުން އައި ޓެކްސްއާއި، އެ ގާނޫނުގެ 19 ވަނަ މާއްދާގެ (ބ) ދަށުން ނަގަމުން އައި ޓެކްސް ހިމެނެއެވެ. މީގެ އިތުރުން ވަޒީފާއާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ނަގަމުން އައި ރެމިޓެންސް ޓެކްސްވެސް މިއާއެކު އުވިއްޖެއެވެ.
މި ބިލުގެ ދަށުން ފަރުދުންގެ ޓެކްސް ބިނާކޮށްފައި ވަނީ ޓެކްސް ބިނާކުރެވޭ އާމްދަނީން ފަސް ބްރެކެޓެއްގެ ދަށުން ޓެކްސް ނެގުމުގެ މައްޗަށެވެ. އެގޮތުން ޓެކްސް ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓު 1 ގައި ހިމަނާފައި ވަނީ 720،000 ރުފިޔާއިން ފެށިގެން ދަށުން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން %0 ގެ ޓެކްސް ނެގުމަށެވެ. ދެވަނަ ބްރެކެޓުގައި ހިމަނާފައި ވަނީ 720،000 ރުފިޔާއާއި 1200،000އާ ދެމެދުގެ އަދަދަކަށް އާމްދަނީ ލިބޭ ނަމަ % 5.5 ޓެކްސް ނެގުމަށެވެ. ތިން ވަނަ ބުރެކެޓުގައި ހިމަނާފައި ވަނީ 1200،000 އާއި 1800،000 އާއި ދެމެދުގެ އަދަދަކަށް އާމްދަނީ ލިބޭ ނަމަ %8 ޓެކްސް ނެގުމަށެވެ. އަދި ހަތަރު ވަނަ ބުރެކެޓުގައި ހިމަނާފައި ވަނީ 1800،000 އާއި 2400،00 އާ ދެމެދުގެ އަދަދަކަށް އާމްދަނީ ލިބޭ ނަމަ %12 ޓެކްސް ނެގުމަށެވެ. އެންމެ ފަހު ބުރެކެޓެއްގެ ގޮތުގައި ހިމަނާފައި ވަނީ 2400،000 އަށްވުރެ ބޮޑުނަމަ %15 ޓެކްސް ނެގުމަށެވެ. މިބިލުގައި ބޭންކުތަކަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން ޓެކްސް ނެގުމަށް ކަނޑައަޅާފައި ވަނީ އެ ބޭންކެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ %25 (ފަންސަވީސް އިންސައްތަ) ގެ ރޭޓުގައެވެ.
ފަރުދުންނާއި ބޭންކުތައް ފިޔަވައި އެހެނިހެން ފަރާތްތަކަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން މި ބިލުގައި ދެ ބުރެކެޓެއްގެ ދަށުން ޓެކްސް ނެގުމަށް ހިމަނާފައި ވެއެވެ. އެގޮތުން ފުރަތަމަ ބުރެކެޓްގައި ހިމެނެނީ 500،000 ރުފިޔާއަށް ވުރެ ދަށުގެ ޓެކްސް ބިނާކުރެވޭ އާމްދަނީން %0 ޓެކްސް ނެގުމެވެ. ދެވަނަ ބުރެކެޓުގައި ހިމެނެނީ 500،000 އިން މަތީގެ ޓެކްސް ބިނާކުރެވޭ އާމްދަނީން %15ގެ ރޭޓުގައި ޓެކްސް ނެގުމަށެވެ.
މިބިލުގައި މުވައްޒަފުންގެ ވިތުހޯލްޑިންގް ޓެކްސްގެ ގޮތުގައި ޓެކްސް ނެގުމަށްވެސް ފަސް ބުރެކެޓެއް ހިމަނާފައިވެއެވެ. އެގޮތުން މަހެއްގެ މައްޗަށް 60،000 ރުފިޔާއިން ފެށިގެން މަތިން ލިބޭ އުޖޫރައިން ޓެކްސް ނެގުމަށް ފަސް ބުރެކެޓެއް ވަނީ ހިމަނާފައެވެ. އެގޮތުން 60،000 ރުފިޔާއިން ފެށިގެން ދަށުގެ އާމްދަނީން ޓެކްސް ހިމަނާފައި ވަނީ %0 ގައެވެ. 60،000 އާއި 100،000ލައްކަ ރުފިޔާއާ ދެމެދުގެ އާމްދަނީން ޓެކްސް ނެގުމަށް ހިމަނާފައި ވަނީ %5.5 އެވެ. 100،000ރުފިޔާއާއި 150،000 ރުފިޔާއާއި ދެމެދުގެ ޢަދަދުގެ އާމްދަނީން ޓެކްސް ނެގުމަށް ކަނޑައަޅާފައި ވަނީ % 8 އެވެ. 150،000 ރުފިޔާއާއި 200،000 ރުފިޔާއާ ދެމެދުގެ އާމްދަނީން% 12 އެވެ. 200،000 ރުފިޔާއިން ފެށިގެން މަތީގެ އާމްދަނީން ޓެކްސް ނަގާނީ %15 އެވެ.
މިބިލުގައި އާމްދަނީ ކަނޑައެޅޭނެ ގޮތްތަކާއި އިސްތިސްނާވާ އާމްދަނީއާ އަދި މި ނޫންވެސް ޓެކްސްއާ ބެހޭ ތަފްސީލުތައް ހިމަނާފައިވެއެވެ. މި ގާނޫނު ހިނގާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގައި ވަޒަންވެރި ވެފައިވާ ކޮންމެ ފަރާތެއްގެ އަދި ރާއްޖޭގައި ވަޒަންވެރިވެފައި ނުވި ނަމަވެސް ރާއްޖެއިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއް ހިމެނެއެވެ.