ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ތެރެއިން ހައްޔަރު ކޮށްފައިވަނީ ކަމަދޫ ކައުންސިލްގެ ނައިބް ރައީސްކަން ހާމަވެއްޖެއެވެ.

ފުލުހުން ރޭ ބުނެފައިވަނީ އެއާޕޯޓަށް ފުރަންގޮސް ހުރި މީހަކު މަސްތުވާތަކެތި ގެންގެޅޭ ކަމަަށް ޕޮލިސް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން 39 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރި މީހާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ އެއާޕޯޓުން ހައްޔަރުކޮށްފައި ވަނީ ކަަމަދޫ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ސަމީރެވެ. އޭނާއަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކޮށްފައިވާ މީހެކެވެ.

ސަމީރަކީ މީގެ ކުރިން ކަމަދޫ ކައުންސިލްގެ ރައީސްކަމުގެ މަގާމުވެސް ފުރި ބޭފުޅެކެވެ. އޭނާ ކަމަދޫ ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައިއެވެ. ކައުންސިލަށް އޭނާ އިންތިހާބު ވީ އެމްޑީޕީގެ ޓިކެޓްގައި ނަމަވެސް މިދިޔަ އަހަރު އޭނާ ވަނީ ޕީޕީއެމަށް ސޮއި ކުރައްވާފައެވެ. އަދި އޭނާ ކައުންސިލްގެ ނައިބު ރައީސަކަށް އިންތިހާބު ވީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.

އާ އަހަރާ ގުޅިގެން ފުލުހުން އަންނަނީ "ރިވެލި" ނަމުގައި އޮޕަރޭޝަނެއް ހިންގަމުންނެވެ. އެގޮތުން ރެއާއި މިއަދު ފުލުހުން ވަނީ ނުވަ ރަށަކުން 51 މީހަކު ހައްޔަރު ކޮށްފައެވެ. އަދި މާލެއިން 19 މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.