ވަޒީފާއިން ވަކި ކުރާ މައްސަލަ އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފި އެވެ.

ޖަމީލް މިހެން ވިދާޅުވެފައިވަނީ ސާވިސް ޗާޖު މަދުކަމަށް ބުނެ ވާހަކަ ދެއްކި ހޮނޑާފުށި އައިލެންޑް ރިސޯޓުގެ ވަޒީފާއިން ވަކިކުރި މުވައްޒަފަށް ތިން މަސް ދުވަހުގެ މުސާރަ ދެއްވަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނިންމެވުމާ ގުޅިގެން ނެވެ. މިކަމާ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، މިއީ މީހެއްގެ ވަޒީފާ ނިގުޅައިގަތް މައްސަލަކަމަށާއި، މިފަދަ ކަންކަން އިތުރަށް ތަކުރާރު ނުވާނެ ގޮތައް މިކަން ސީރިއަސް ކަމެއްގެ ގޮތުގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ވަނީ އިއްޔެގެ ވަގުތެއްގައި ޝިމްހާޒްއާ ބައްދަލުކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ، ޝިމްހާޒް ބުނާ ގޮތުގައި އޭނާގެ މުސާރައަކީ 4،000 ރުފިޔާއެވެ. އެހެން ނަމަވެސް އޭނާ ރިސޯޓުން ވަކިކުރީ 5001 ރުފިޔާ ދީފާ ކަމަށް ޝިމްހާޒް ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވަޒީފާއިން ވަކިކުރުމަށް ފަހު، ވަޒީފާގައި އުޅުނު ކަމުގެ ލިޔުން ނުދިނުމާއި ރިސޯޓުން ފޭބުމަށް އޭނާއަށް އެކަށީގެންވާ ވަގުތު ނުދޭ ކަމަށް އޭނާ ފާހަގަކުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން، އެ ހުރިހާ ޝަކުވާތަކެއް ހުރުމުން، މިނިސްޓަރުގެ އަމިއްލަ ހައިސިއްޔަތުން ނަމަވެސް، ޝިމްހާޒްއަށް ތިން މަހުގެ މުސާރަ ދެއްވަން ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެގޮތަށް ނިންމެވީ ޝިމްހާޒު ވަޒީފާއިން ވަކިކުރަން މެދުވެރިވި ސަބަބަކީ، މިދިޔަ ހަފްތާގައި މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ދެންނެވުނު ވާހަކަތަކެއްގެ ސަބަބުން އެރި އޮޅުންތަކެއްގައި ޝޯޝަލް މީޑިއާގައި ހިނގި ކަންތައްތަކަކަށް ވުމުން ކަމަށެވެ. މިނިސްޓަރަށް ދެންނެވުނު ބަހެއްގެ ސަބަބުން އޭގެ އަގު ދައްކަން ޖެހޭ ބަޔަކީ ރިސޯޓްތަކުގައި މަސައްކަތް ކުރާ އާންމު މުވައްޒަފުންނަށް ވެގެން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ޝިމްހާޒް ބުނެފައިވަނީ ތިންމަހުގެ މުސާރަ ބޭނުން ނުވާ ކަމަށާއި އެ ދިނަސް ކޯޓަށް ދާނެ ކަމަށެވެ. ޝިމްހާޒް ބުނީ އޭނާއަށް ތިން މަހުގެ މުސާރަ ދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިކަން ނޭނގޭ ކަމަށެވެ. ނަމަވެސް އެއީ ތެދު ކަމަށް ވިއަސް ކޯޓަށް މައްސަލަ ނުލައި، މި މައްސަލައަށް ހައްލު ނުހޯދާ ނުނިންމާނެ ކަމަށްވެސް އޭނާ ބުނެއެވެ.