ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާނެ ކަމަށް، މިހާރު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވެސް ވިދާޅުވެއްޖެއެވެ.

އާ އަހަރުގެ ތަހުނިޔާ ފޮނުވަމުން ޝަމާއު ރޭ ވިދާޅުވީ އެއީ އެމްޑީޕީގެ އިސްވެރިންގެ އިތުރުން އާންމުންނާ ވެސް ވާހަކަދައްކަވައި، އެފަރާތްތަކުގެ މަޝްވަރާއާ އެކު މާލޭ މޭޔަރު ކަމަށް ވާދަކުރަން ނިންމަވާފައިވާ ކަމަށެވެ.

އެމްޑީޕީގެ އާންމު މެމްބަރުންނާއި އާންމު ރައްޔިތުންނަށް އިތުބާރު އެބަ އޮތް ކަމަށާއި އެހެންކަމުން މި ނިންމުމާ މެދު ފަހުން ހިތާމަ ނުކުރައްވާނެކަން ޔަގީންވާ ކަމަށް ޝަމާއު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ އުސޫލުތައް ކުރިއެރުވުމަށް 13 އަހަރު ވަންދެން ކޮށްފައިވާ މަސައްކަތްތައް ރައްޔިތުން ރަނގަޅަށް މިންކުރާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށް ވެސް ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވަނީ ރައްޔިތުން ފަހުރުވެރިވާނެ ފަދަ ލާމަރުކަޒީ ނިޒާމެއް ހިންގޭނެ ކަމުގެ ޔަގީންކަން ދެއްވާ، މާލެއަކީ ރައްޔިތުން ކަމަށާއި އެހެންކަމުން މާލެ އަކީ އަލުން ފެހި އަދި ހިތްފަސޭހަ ތަނަކަށް ހަދާނީ އެންމެހާ ރައްޔިތުން އެކުގައި ކަމަށްވެސް ޝަމާއު ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރުގެ އޭޕްރީމް މަހު ބާއްވަން ހަމަޖެހިފައި ވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާނުކުރައްވާ މިހާރު ކެމްޕޭނު ފައްޓާވާފައި ވާއިރު، މޭޔަރު ކަމަށް ކުރިމަތި ލައްވާނެކަން މިހާތަނަށް އިއުލާނު ކުރެއްވި ބޭފުޅުންނަކީ ޝަމާއުގެ އިތުރުން، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފާއި، ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމާއި، ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން މިހާރުގެ މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދެވެ.

މާލެ ސިޓީގެ މޭޔަރުކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް ގޮންޖެހުންތައް ބޮޑުވާނެ ކަމަށް ބެލެވޭ އިރު، މާލޭގެ ރައްޔިތުންނަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ ފޯމިއުލާއެއް ގެނައުމަކީ މިހުންމު ކަމަކަށް ވާނެއެވެ.