ސާވިސް ޗާޖަށް ދެނީ އެންމެ 11 ޑޮލަރު ކަމަށް ބުނެ ވާހަކަ ދައްކާފައި ވާތީ ހޮނޑާފުށި އައިލެންޑް ރިސޯޓުގެ ވަޒީފާއިން ވަކިކުރި މުވައްޒަފަށް ތިން މަސް ދުވަހުގެ މުސާރަ ދެއްވަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނިންމަވައިފިއެވެ.
މި އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް މިއަދު ހެނދުނު އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އިއްޔެގެ ވަގުތެއްގައި ޝިމްހާޒްއާ ބައްދަލުކުރައްވައި އޭނާގެ ޝަކުވާތައް އަޑުއައްސަވާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ޝިމްހާޒް ބުނާ ގޮތުގައި އޭނާގެ މުސާރައަކީ 4،000 ރުފިޔާއެވެ. އެހެން ނަމަވެސް އޭނާ ރިސޯޓުން ވަކިކުރީ 5001 ރުފިޔާ ދީފާ ކަމަށް ޝިމްހާޒް ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވަޒީފާއިން ވަކިކުރުމަށް ފަހު، ވަޒީފާގައި އުޅުނު ކަމުގެ ލިޔުން ނުދިނުމާއި ރިސޯޓުން ފޭބުމަށް އޭނާއަށް އެކަށީގެންވާ ވަގުތު ނުދޭ ކަމަށް އޭނާ ފާހަގަކުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން، އެ ހުރިހާ ޝަކުވާތަކެއް ހުރުމުން، މިނިސްޓަރުގެ އަމިއްލަ ހައިސިއްޔަތުން ނަމަވެސް، ޝިމްހާޒްއަށް ތިން މަހުގެ މުސާރަ ދެއްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ މުޅިން ސާފުވާނީ ކަމާ ގުޅޭ މުއައްސަސާތަކުން އެކަން ބެލުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިނިސްޓަރުގެ ހައިސިއްޔަތުން އެ މައްސަލަތައް ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހަޅުއްވަން ޝިމްހާޒަށް ހިތްވަރު ދެއްވާފައި ވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެގޮތަށް ނިންމެވީ ޝިމްހާޒު ވަޒީފާއިން ވަކިކުރަން މެދުވެރިވި ސަބަބަކީ، މިދިޔަ ހަފްތާގައި މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ދެންނެވުނު ވާހަކަތަކެއްގެ ސަބަބުން އެރި އޮޅުންތަކެއްގައި ޝޯޝަލް މީޑިއާގައި ހިނގި ކަންތައްތަކަކަށް ވުމުން ކަމަށެވެ.
މިނިސްޓަރަށް ދެންނެވުނު ބަހެއްގެ ސަބަބުން އޭގެ އަގު ދައްކަން ޖެހޭ ބަޔަކީ ރިސޯޓްތަކުގައި މަސައްކަތް ކުރާ އާންމު މުވައްޒަފުންނަށް ވެގެން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރު އަދި ވިދާޅުވީ މިކަހަލަ މައްސަލަތަކުގައި ވަޒީފާއިން ވަކިކުރާ ފަރާތްތައް މަގުމަތި ވުމަކީ ގަބޫލު ކުރައްވާ ގޮތެއް ނޫން ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރި، ޝިމްހާޒް ހުރީ އޭނާއާ މެދު ސަރުކާރާއި އާންމުން ދެކޭނެ ގޮތަކާއި "ދެން ވާނެ ގޮތަކާ މެދު" ކަންބޮޑުވެފައި ކަމަށް ވެސް ވިދާޅުވިއެވެ.