ރައްޔިތުންގެ އިތުބާރު ހޯދައި، އަދުލު އިންސާފު ކަށަވަރު ކޮށްދެއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ، 13 އަހަރުގެ ކުއްޖަކު ވިހެއި މައްސަލައިގައި އެކުއްޖާގެ މައިންބަފައިންގެ ތެރެއިން އެކެއްގެ މައްޗަށް 4 ދައުވާކޮށް އަދި އަނެކެއްގެ މައްޗަށް އެއް ދައުވާކޮށް، ކުރިމިނަލް ކޯޓަށް ފޮނުވި މައްސަލައާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. ޝަމީމް ވިދާޅުވީ މަޑުމަޑުން, އިތުބާރު ހޯދައި، އަމާންކަމާއި ރައްކާތެރިކަމާއި، އަދުލު އިންސާފު ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ.

ޕީޖީގެ މަގާމަށް ޝަމީމް އައްޔަން ކޮށްފައި ވަނީ، ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުއެވެ. ޝަމީމް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ވިދާޅުވީ، މަގާމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގެން، މަސައްކަތް ފައްޓަވާއިރު އަމާޒަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަކީ މީހުންގެ އިތުބާރު ލިބިފައިވާ ހަރުދަނާ މުއައްސަސާއަކަށް ހެއްދެވުން ކަމަށެވެ.

ކުރިން ޕީޖީގެ މަގާމުގައި ހުންނެވީ އައިޝަތު ބިޝާމެވެ. އޭނާ ވަނީ މިދިޔަ ނޮވެމްބަރު މަސް ތެރޭގައި މަގާމުން އިސްތިއުފާ ދެެއްވާފައެވެ. ޕީޖީގެ މަގާމުން ބިޝާމް އިސްތިއުފާ ދެއްވުމުގެ ކުރިން އެތައް ފަހަރެއްގެ މަތިން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހުށަހަޅުއްވައިގެން އިތުބާރު ނެތް ކަމަށް ފާހަގަ ކުރަން މަސައްކަތް ކުރައްވާފައި ވެއެވެ.