ޗުއްޓީ ދަތުރުގައި މެލޭޝިއާއަށް ވަޑައިގެން އެގައުމުގެ އެމްބަސީގެ ކާރު ބޭނުން ކުރައްވާފައި ނުވާނެ ކަމަށް މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝިދާތާ މިހެން ވިދާޅުވެފައި ވަނީ، ޗުއްޓީ ދަތުރެއްގައި އާއިލާއާ އެކު މެލޭޝިޔާއަށް ވަޑައިގެން، އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އޮންނަ ދައުލަތުގެ ކާރު ބޭނުން ކުރެއްވި ކަމަށް ބުނެ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މީހަކު ހުށަހެޅުމާ ގުޅިގެން ނެވެ.

މިކަމާއި ގުޅިގެން މިނިސްޓަރު ޝިދާތާ ކުރެއްވި އެފްބީ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މެލޭޝިއާ އެމްބަސީގެ ކާރު ބޭނުން ކުރައްވާފައި ނުވާނެ ކަމަށާއި އަދި އެމްބަސީގެ ކާރު ނުވެސް ދެކޭ ކަމަށެވެ. އަދި އެކަން ކަމާބެހޭ ފަރާތްތަކުން ބެލުމުންވެސް ސާބިތުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މެލޭޝިއާ އެމްބަސީގެ ކާރު ބޭނުންކޮށްފައެއް ނުވާނެ އަދި ނުވެސް ދެކެން. އެކަން ކަމާބެހޭ ފަރާތްތަކުން ބެލުމުންވެސް ސާބިތުވާނެ. އަޅުގަނޑުމެން ވައުދުވީ ހިޔާލުފާޅުކުރުމާއި، މީޑިއާގެ މިނިވަންކަން ހޯދައިދޭން. ސަރުކާރުގެ ވަޒީރަކާއިމެދު ވެސް ކުރެވޭ ތުހުމަތެއް އޮތް ކަމުގައި ވާނަމަ، އެފަދަ މައްސަލަތައް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން ކުރުއަށް ގެންދިއުމުގެ ފުރުސަތު ހުޅުވިފައި އޮތްކަން މިއަދު މިދަނީ ފެންނަމުން."
ޝިދާތާ

މިނިސްޓަރު ޝިދާތާގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައި ވާއިރު، މި މައްސަލަ ބެލުމާ މެދު އޭސީސީން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. ޝިދާތާއާ ބެހޭ މިފަދަ މައްސަލައެއް ހުށަހަޅާފައި މިވަނީ، ޖެންޑާ މިނިސްޓަރު ކަމުގެ މަސްއޫލިއްޔަތު އޭނާއަށް ފުރިހަމައަށް އަދާ ނުކުރެއްވޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް އާންމުންގެ ފާޑުކިއުން އޭނާއަށް އަމާޒުވެފައި ވަނިކޮށެވެ.

އެގޮތުން، ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ޖެންޑާ މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށް ބުނެ، އެތަނުގެ ފުރާޅުމައްޗަށް ކުދިން އަރައިގެން އުޅޭ ވީޑިއޯތައް ވެސް ވަނީ އާންމު ކޮށްފައެވެ. އަދި މިހާރަކަށް އައިސް ކުޑަކުދިންނަށް ކުރާ ގޯނާގެ މައްސަލަތައް ގިނަވެފައި ވާއިރު، މިކަމަށް އެކަށީގެންވާ ޖަވާބެއް ދިނުމަށް ޖެންޑާ މިނިސްޓްރީ ނުކުޅެދިފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ.