ތެލުގެ ވަގުފާރި ކުރަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ ބޯޓަކާ، އެ ބޯޓުން ދަތުރު ކުރި 16 ފަޅުވެރިއަކު، އީރާނު އަސްކަރިއްޔާގެ އެންމެ މަތީ ގޮފި ކަމަށްވާ އައި.އާރް.ޖީސީގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

1.3 މިލިއަން ލީޓަރުގެ ތެލާއެކު ވަގުވިޔަފާރި ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ބޯޓުން ހައްޔަރުކޮށްފައިވާ 16 މީހުންނަކީވެސް މެލޭޝިއާ މީހުން ކަމަށް ޚަބަރު ލިބެއެވެ. ބޯޓުގެ ނަން އަދި ހާމަކޮށްފައެއް ނުވެއެވެ.

އައި.އާރް.ޖީ.ސީއިން މި ބޯޓު އަތުލައިގެންފައިވަނީ އީރާނުގެ އަބޫ މޫސާއޭ ކިއުނު ރަށުގެ 15 ނޯޓިކަލް މޭލު ބޭރުންނެވެ.

އައި.އާރް.ޖީ.ސީގެ ނޭވަލް ކޮމާންޑާ، ބްރިގޭޑިއާ ޖެނެރަލް ޢަލީ އުޒްމާޔީ ވިދާޅުވީ، މިއީ މިފަދަ ގޮތަކަށް އައި.އާރް.ޖީ.ސީއިން އަތުލައިގަތް 6 ވަނަ ބޯޓު ކަމަށެވެ.

މިކަމާ ބެހޭ ގޮތުން މެލޭޝިއާއިން އަދި ވަކި އެއްޗެއް ބުނެފައި ނުވާއިރު، އީރާނުގެ އިހުތިސޯސް ހިނގާ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ބޭރުގެ ގިނަ ބޯޓުތަކަށް އަމާޒުކޮށް އެގައުމުން މިފަދަ ފިޔަވަޅުތަކެއް އެޅުން މި ފަހަކަށް އައިސް ވަނީ އިތުރުވެފައި ކަން ފާހަގަކުރަންޖެހެއެވެ.