މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފްގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އޭސީސީން ވަނީ ޝިދާތާގެ މައްސަލައެއް މިއަދު އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަން ކަށަވަރު ކޮށްދީފިއެވެ. އޭސީސީން ބުނީ، އެ ކޮމިޝަނަށް ހުށަހަޅާފައި ވަނީ މިނިސްޓަރު ޝިދާތާ ކުރެއްވި ދަތުރެއްގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރެއްވި ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.

އޭސީސީއަށް ހުށަހަޅާފައި ވަނީ، ޗުއްޓީ ދަތުރެއްގައި އާއިލާއާ އެކު މެލޭޝިޔާއަށް ވަޑައިގެން، އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އޮންނަ ދައުލަތުގެ ކާރު ބޭނުން ކުރެއްވި ކަމަށް ބުނާ މައްސަލައެކެވެ. މިނިސްޓަރު ޝިދާތާ އާއިލާއާ އެކު މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ޗުއްޓީ ދަތުރުގައި އެއާޕޯޓުގެ ވީއައިޕީ ހިދުމަތްތަކާއި، މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އޮންނަ ދައުލަތުގެ ކާރު ބޭނުން ކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިނިސްޓަރު ޝިދާތާގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައި ވާއިރު، މި މައްސަލަ ބެލުމާ މެދު އޭސީސީން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. ޝިދާތާއާ ބެހޭ މިފަދަ މައްސަލައެއް ހުށަހަޅާފައި މިވަނީ، ޖެންޑާ މިނިސްޓަރު ކަމުގެ މަސްއޫލިއްޔަތު އޭނާއަށް ފުރިހަމައަށް އަދާ ނުކުރެއްވޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް އާންމުންގެ ފާޑުކިއުން އޭނާއަށް އަމާޒުވެފައި ވަނިކޮށެވެ.

އެގޮތުން، ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ޖެންޑާ މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށް ބުނެ، އެތަނުގެ ފުރާޅުމައްޗަށް ކުދިން އަރައިގެން އުޅޭ ވީޑިއޯތައް ވެސް ވަނީ އާންމު ކޮށްފައެވެ. އަދި މިހާރަކަށް އައިސް ކުޑަކުދިންނަށް ކުރާ ގޯނާގެ މައްސަލަތައް ގިނަވެފައި ވާއިރު، މިކަމަށް އެކަށީގެންވާ ޖަވާބެއް ދިނުމަށް ޖެންޑާ މިނިސްޓްރީ ނުކުޅެދިފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ.