ޖަޒުބާތުގެ ހޫނު އުދާހުގައި ޖެހި އެންމެ ކައިރި އަތުގައި އޮތް ކަތިވަޅި ގެއްލިދާނެ ކަމަށާއި އެހެން ވިޔަ ނުދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ގޮވާލައްވައިފިއެވެ.
މަލީހު މިހެން ވިދާޅުވެފައި ޓީވީ ޗެނަލެއްގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ރިޔާސީ އިންތިހާބުގައި 2023 ވަނަ އަހަރު ވާދަކުރެއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުން ކަމަށާއި ގައިގައި އަތްލައްވައިގެން ނަމަވެސް އެކަން ކުރައްވާނެ ކަމުގައި އުމަރު ވިދާޅުވުމާ ގުޅިގެންނެވެ.
މަލީހު މިހެން ވިދާޅުވެފައި ވަނީ އުމަރު ވެރިކަމަށް ވަޑައިގަތުމަށް ކުރިން ކުރެއްވި މަސައްކަތް ނާކާބިޔާބުވެ އަދި އަނެއްކާ ވެރިކަމަށް ވަޑައިގަންނަވާ ވިސްނުން ގެންގުޅުއްވާތީ ކަމަށް ގަބޫލު ކުރެވެއެވެ.
އެ ޕްރޮގްރާމް ގައި އުމަރު ވިދާޅުވެފައި ވަނީ އޭނާގެ ވެރިކަމެއްގައި އިންޑިއާ ސިފައިންނަށް ރާއްޖެއިން ނުފައިބާ ގަދަކޮށްލައިގެން ނުތިބެވޭނެ ކަމަށާއި އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރައްވާނެ ކަމުގައެވެ.
އުމަރު ވިދާޅުވީ އިންޑިއާއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބި މުއްދަތު ހަމަވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ އެއްބަސްވުން އިތުރަށް އާނުކުރަން ނިންމެވި ކަމަށާއި އޭނާގެ ވެރިކަމެއްގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލި ނަމަވެސް އިންޑިއާއާ އެކު ރަނގަޅު ގުޅުމެއް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އިންޑިއާ އަކީ މިސަރަހައްދުގައި އޮތް އެންމެ ބޮޑު ގައުމު ކަމަށްވާތީ ރާއްޖޭގެ ކޮންމެ ސަރުކާރަކުން ވެސް އިންޑިއާ އާ އެކު ރަނގަޅު ގުޅުމެއް ބާއްވާ، އިންޑިއާ އަށް އިހްތިރާމު ކުރަންޖެހޭނެ ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިންޑިއާ އާއި ބޭރުގެ އަސްކަރީ ބާރަކުން ރާއްޖޭގައި ބޭސްއެއް ހަދައިގެން ތިބުމަށް އަބަދުވެސް އިއުތިރާޒު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އޭނާ މަސައްކަތް ކުރައްވާތީ އިންޑިއާ އިން އޭނާއާ ދެކޮޅަށް މަސައްކަތް ކުރާނެ ކަން އެނގިވަޑައިގަންނަވާ ކަމަށާއި، އިންޑިއާ އިން މިހާރުވެސް އޭނާއާ ދެކޮޅަށް ކެމްޕޭންތަކެއް ހިންގާ ކަމަށްވެސް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.
އުމަރު އިތުރަށް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އެއްޗެއް ވިދާޅުވާން ކެރިވަޑައިގެންނެވި އެއްވެސް ސިޔާސީ ބޭފުޅަކު ރާއްޖޭގައި ނެތް ކަމަށާއި އެކަން ކުރައްވަން ކެރިވަޑައިގަންނަވާނެ ބޭފުޅަކު ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ ތެރޭގައި ނުހުންނަވާނެ ކަމުަގައި ވެސް އުމަރު ވިދާޅުވެފައި ވެއެވެ.