ދެމުން ގެންދެވި ހިދުމަތަށް ނިމުމެއް ގެންނަވަން ޖެހުނީ ޔާމީންގެ ސަރުކާރުން ވިޔަފާރިތަކަށް ގެއްލުން ދިިނުމުން ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ރާއްޖޭގެ ކުންފުންޏަކުން، އެ ކުންފުނީގައި އުޅޭ މުވައްޒަފެއްގެ ކުއްލިމަރާ ގުޅިގެން އެ މުވައްޒަފުގެ ދަރިންނަށް 18 އަހަރު ވަންދެން މުސާރަ ދޭން ނިންމުމާ ގުޅިގެން، ހިދުމަތުގައި ހުއްޓާ މުވައްޒަފަކު މަރުވުމުން އެ މުވައްޒަފުގެ މުސާރަ އާއި އިނާޔަތްތަށް އާއިލާއަށް ދިނުމަކީ އާންމުކޮށް ރާއްޖޭގައި ކުރާ ކަމެއް ނޫން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާތީ އެކަމަށް ރައްދު ދެއްވައެވެ.

ޖާބިރު ވިދާޅުވެފައި ވާ ގޮތުގައި ހިދުމަތުގައި ވަނިކޮށް ނިޔާވާ މުވައްޒަފުންނާ ކުންފުނިތަކުން އަޅާނުލައި ކަމަށް ބުނުން ރަނގަޅު ނޫން ކަން ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި 2009 ވަނަ އަހަރު ނިޔާވި ޖާބިރުގެ މުވައްޒަފެއްގެ ކުދިން ސްކޫލު ނިމެންދެން މުސާރަ އާ އެކު އެޕާޓްމަންޓެއްވެސް ދެއްވާފައި ވާނެ ކަމަށާއި އެއް ކުއްޖަކު ޑޮކްޓަރުކަން ކިޔަވާ ނިމެނީ ކަމަށްވެސް ޖާބިރު ވިދާޅުވެފައި ވެއެވެ.

އަދި ޖާބިރުގެ މުވައްޒަފުގެ ދޮށީ ކުއްޖާ ކިޔަވަން މެޑިކަލް ސްކޫލުގައި ވަނިކޮށް ހަގަށް ހުންނަ ކުއްޖާ ސްކޫލު ނިމުނު ފަހުން ދެމުން އައި އެހީތެރި ކަމަށް ނިމުމެއް ގެންނަން ޖެހުނީ ކަމަށް ވެސް ޖާބިރު ފާހަގަ ކުރައްވާފައި ވެއެވެ. ސަބަބެއް ކަމުގައި ޖާބިރު ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ޖާބިރުގެ ވިޔަފާރި ތަކަށް ގެއްލުންދީ ޕާސްޕޯޓު ކެންސަލްކޮށްފައި ވުން ކަމަށް ފާހަގަ ކުރައްވާފައި ވެއެވެ.

އަދި މިގޮތަށް އެކަކަށް ދޭ ގެއްލުންތަކުގެ ސަބަބުން އެތަށް ބަޔަކަށް ގެއްލުން ވާކަމަށްވެސް އޭނާ ފާހަގަ ކުރައްވާފައި ވެއެވެ.

މީގެ އިތުރުން ޖާބިރު ފާހަގަ ކުރައްވާ ގޮތުގައި ދިވެހިންނަކީ ހުލްގު ހެޔޮ ބައެކެވެ.