ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސީއެންއެމް ޓީވީގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އިންޑިއާ ސިފައިންނަށް ރާއްޖެއިން ނުފައިބާ ނުތިބެވޭނެ ކަމަށެވެ. އެހެންކަމުން އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރައްވާނެ ކަމުގައިވެސް އުމަރު ވިދާޅުވި އެވެ. އުމަރު އިތުރަށް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އެއްޗެއް ވިދާޅުވާން ކެރިވަޑައިގެންނެވި އެއްވެސް ސިޔާސީ ބޭފުޅަކު ރާއްޖޭގައި ނެތް ކަމަށެވެ. އަދި އެކަން ކުރައްވަން ކެރިވަޑައިގަންނަވާނެ ބޭފުޅަކު ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ ތެރޭގައި ނުހުންނަވާނެ ކަމުގައި ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.
އުމަރު ވިދާޅުވީ އިންޑިއާއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބި މުއްދަތު ހަމަވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ އެއްބަސްވުން އިތުރަށް އާނުކުރަން ނިންމެވި ކަމަށެވެ. އަދި އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރަން އުޅުނު އެހެން ހެލިކޮޕްޓަރެއް ބޭނުން ނުވާ ކަމަށް ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާ އަށް އެންގެވި ކަމަށްވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލި ނަމަވެސް އިންޑިއާއާ އެކު ރަނގަޅު ގުޅުމެއް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އިންޑިއާ އަކީ މިސަރަހައްދުގައި އޮތް އެންމެ ބޮޑު ގައުމު ކަމަށް ވާތީ ރާއްޖޭގެ ކޮންމެ ސަރުކާރަކުން ވެސް އިންޑިއާ އާ އެކު ރަނގަޅު ގުޅުމެއް ބާއްވާ، އިންޑިއާ އަށް އިހްތިރާމު ކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އިންޑިއާ އާއި ބޭރުގެ އަސްކަރީ ބާރަކުން ރާއްޖޭގައި ބޭސްއެއް ހަދައިގެން ތިބުމަށް އަބަދުވެސް އިއުތިރާޒު ކުރައްވާ ކަމަށްވެސް ވިދާޅުވި އެެވެ.
އުމަރު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އޭނާ މަސައްކަތް ކުރައްވާތީ އިންޑިއާ އިން އޭނާއާ ދެކޮޅަށް މަސައްކަތް ކުރާނެ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އިންޑިއާ އިން މިހާރުވެސް އޭނާއާ ދެކޮޅަށް ކެމްޕޭންތަކެއް ހިންގާ ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.