ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާވާ ފައިސާ މަދުވަމުން ދާތީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝިޔާމް ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ އެސްޑީއެފަށް ޖަމާކޮށްފައިވާ ފައިސާ މަދުވެފައިވާތީ އެ ވާގޮތެއް މާލީ ވަޒީރު އިބްރާހިމް އަމީރު ދިވެހިރައްޔިތުންނަށް ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާކަމަށެވެ. އަދި ޓުއަރިސްޓު އެރައިވަލް އާއި އެއާޕޯޓުގެ ހިދުމަތް ކުރިއަށް ވުރެން އިތުރުވެފައިވާއިރު، އެސްޑީއެފަށް ޖަމާވާ ފައިސާގެ މަދުވުމުން ޝީޔާމްވަނީ އެކަމާވެސް ސުވާލު އުފައްދަވާފަ އެވެ.

ފިނޭންސް މިނިސްޓްރީއިން މިއަދު ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖެނުއަރީ އިން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ސޮވެރިން ފަންޑަށް ޖަމާކޮށްފައިވަނީ 1.11 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ޖަމާކޮށްފައިވަނީ 1.254 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން މިއީ 143.1 މިލިއަން ރުފިޔާގެ މަދުވުމެކެވެ.

ސޮވެރިން ފަންޑަށް ޖަމާކުރަނީ ފަތުރުވެރިން އަތުން ނެގޭ އޭޑީސީއަށް ވެފައި ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ އިން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންނަށްވުރެ މި އަހަރު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ގިނައެވެ. އެހެން ކަމުން އޭޑީސީގެ ގޮތުގައި ލިބޭ އަދަދުވެސް ހުންނަންވާނީ ގިނަވެފައެވެ. އެސްޑީއެފްއަށް ޖަމާކުރި ފައިސާ މަދުވެފައިވާއިރު، ސަރުކާރުން ވަނީ އަންނަ އަހަރުން ފެށިގެން ބިޒްނަސް ކުލާހުން ދަތުރުކުރާ ދަތުރުވެރިންގެ އަތުން ނެގޭ އޭޑީސީ މިހާރަށްވުރެ ބޮޑުކުރުމަށް ނިންމާފައިކަން ފާހަގަކުރެވެއެވެ.