ގާނޫނަކުން ކުލި ކޮންޓްރޯލް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް ވިދާޅުވީ ގާނޫނަކުން ކުލި ކޮންޓްރޯލް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެކަން ކުރެވޭނީ ޑިމާންޑާއި އެއްވަރަށް ސަޕްލައި ކުރެވިގެން ކަމަށެވެ.

"ބޭންކްތަކުން އިމާރާތް ކުރުމަށް ނަގާ ލޯން އިންޓަރެސްޓް ރޭޓް ކުޑަވެ، އަދި ބޭންކްތަކުން ނަގަން ޖެހޭ ރިސްކް ކުޑަކުރުމަށް ދައުލަތުން ކޮށްދޭންޖެހޭ ކަންކަންވެސް ކޮށްގެން،" ރިޔާޒް ވިދާޅުވިއެވެ.

މާލޭގެ ކުލީގެ މައްސަލައިގެ އަޑު ފަހަކަށް އައިސް ގަދަވެފައިވަނީ މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ޔޫނިއަން، މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިން ކުލި ކޮންޓްރޯލް ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފެށުމާ ގުޅިގެނެވެ. އެގޮތުން ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް މިދިޔަ ހުކުރު ދުވަހު ހަވީރު ވަނީ ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައެވެ.

ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ސަރުކާރުން ވަނީ ކުއްޔާ ބެހޭ ބިލެއް ވެސް މަޖިލީހަށް ހުށަހަޅާފައެވެ. އެ ބިލުގައި ރަޖިސްޓްރީ ކުރުމެއް ނެތި ކުއްޔަށް ދިނުން މަނާ ކޮށްފައި ވާއިރު ކުއްޔަށް އުޅޭ މީހުންގެ ބައެއް ހައްގުތައް ވެސް ހިމަނާފައިވެއެވެ. ނަމަވެސް ދިރިއުޅެން ދޫކުރާ ތަންތަނުގެ ކުލި ވަކި އަގުތަކެއްގައި ކޮންޓްރޯލް ކުރަން ހިމަނާފައެއް ނުވެއެވެ.