ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވިދާޅުވީ، އޭނާ ގަބޫލު ކުރައްވާ ގޮތުގައި ޕީޕީއެމްގެ ލީޑަރަކީ ރައީސް ޔާމީން ކަމަށާއި، އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް އެމަނިކުފާނު ކަމަށެވެ. ރައީސް ޔާމީނަށް އިންސާފު ލިބެން ޖެހޭނެ ކަމަށް ވިދާޅުވެ ޑރ. ޝަހީމް ވަނީ އެމަނިކުފާނު ގެއަށް ބަދަލު ކޮށްދެއްވުމަށް އެދި ގޮވާލާފައެވެ.

ޑރ. ޝަހީމް ވަނީ ރައީސް ޔާމީނަކީ ހިދުމަތްތެރި ބޭފުޅެއް ކަމަށް ސިފަ ކުރައްވާ، އެމަނިކުފާނު މިނިވަންވުމަށް އެދި ދުއާ ކުރައްވައިފައެވެ.

ރައީސް ޔާމީން ދިފާއު ކުރައްވާ ޑރ. ޝަހީމް ޓްވީޓް ކުރައްވާފައި ވާއިރު، ޑރ. ޝަހީމަކީ މިދިޔަ އަހަރު ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނުގެ ރަނިން މޭޓެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައި ވަނީ މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހެވެ. އެ ކުށަށް ކްރިމިނަލް ކޯޓުގެ 5 ފަނޑިޔާރުންގެ ބެންޗަކުން ވަނީ 5 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށް 6 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އެމަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައެވެ.

މަނީ ލޯންޑްރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލީ؛ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ 1 މިލިއަން ޑޮލަރު ރައީސް ޔާމީން އަމިލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައެވެ. އަދި އެ ފައިސާގެ އަސްލު އޮޅުވާލެއްވުމުގެ ތުހުމަތުވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައެވެ.