ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް އިތުބާރު އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބައެއް ރިސޯޓުތަކުން، އެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކަށީގެންވާ ސާވިސްޗާޖު ދޭ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމާ ގުޅިގެން، އަލީ ވަހީދަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މިއަދު ރައީސް ނަޝީދު ވަނީ ޓްވީޓެއް ކުރައްވާ އަލީ ވަހީދު ދިފާއު ކުރައްވާފައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވަނީ ޓޫރިޒަމް މިނިސްޓާ އަލީ ވަހީދަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ކަމަށާއި އޭނާއަށް އެމްޑީޕީގެ ސިޔާސަތު ސާފުވެވަޑައިގަންނަވާނެ ކަމަށެވެ. އަދި މިވީ އެއް އަހަރު ތެރޭގައި ފަތުރުވެރި ކަމަށް ވަނީ ރަނގަޅު ބަދަލެއް އަންނަން ފަށާފައި ކަމަށާއި މިނިމަމް ވޭޖާއި ސާވީސް ޗާޖުގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވެފައި ވަނީ މިނިސްޓާ އަލީ ވަހީދަށް އިތުބާރު ކުރައްވާ ކަމަށެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގައި ޓޫރިޒަމްގެ ހިދުމަތްދޭ ފާހަގަކޮށްލެވޭ ކުންފުނިތަކުން ސާވިސް ޗާޖު ދޭ ގޮތް ރަނގަޅު ކަމަށް ވިދާޅުވުމާ ގުޅިގެން ޓޫރިޒަމްގެ ސިނާއަތުގައި މަސައްކަތް ކުރާ ބައެއް މީހުންގެ ފާޑުކިޔުން އަލީ ވަހީދަށް ވަނީ އަމާޒުވެފައެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވެފައި ވާއިރު، ސޯޝަލް މީޑިއާގައި ދަނީ ޓުއަރިޒަމް މިނިސްޓަރު އިސްތިއުފާއަށް ގޮވާލައި ބޮޑު ކެމްޕޭނެއް ވެސް ކުރަމުންނެވެ. އެގޮތުން، 'ރިސޯޓް ބޯއިސް މޯލްޑިވްސް' ގެ ނަމުގައި ފޭސްބުކްގައި ހިންގާ ޕޭޖަކުން މިނިސްޓަރު އިސްތިއުފާއަށް ގޮވާލާފައިވާ ޕޯސްޓަކަށް ވަނީ 5 ގަޑިއިރުގެ ތެރޭގައި 900 އެއްހާ ޝެއާސް ލިބިފައެވެ.