ރާއްޖޭގެ ޝަރުއީ ދާއިރާ މިނިވަން ވެފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވުމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ސުވާލު އުފައްދައިފިއެވެ.
ޖަމީލް މިހެން ވިދާޅުވެފައިވަނީ ޝަރުއީ ދާއިރާ އިސްލާހުކުރަން ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގައި ކާމިޔާބީތަކެއް ހާސިލް ކުރެވިއްޖެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވުމާ ގުޅިގެން ނެވެ. އަދި ވަކިން ހާއްސަކޮށް ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޯޓްތައް އޮތީ ސިޔާސީ ވެފައި ކަމަށާއި ކޯޓުތަކުން ކޮށްފައި ވަނީ ވެސް ސިޔާސީ މަސައްކަތްތަކެއް ކަމަށާއި، ނަމަވެސް މި ސަރުކާރާ އެކު ކޯޓުތަކާއި މިނިވަން މުއައްސަސާތަކަށް މިނިވަންކަން މަތީ މަސައްކަތް ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް ހޫދު ވިދާޅުވުމާ ގުޅިގެން ނެވެ.
އެއަށް ފާޑުވިދާޅުވެ ޖަމީލް ވިދާޅުވީ ރައީސް އޮފީހުގެ ތަރުޖަމާނު ޖުޑިޝަރީ މިނިވަންވިކަމުގެ ސެޓްފިކެޓް ދެއްވި ގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ރައީސް ނަޝީދާއި އެމްޑީޕީގެ ވަކީލުންގެ ޓީމް ޖޭއެސްސީގައި ތިއްބަވާއިރު، ޖުޑިޝަރީ ކޮމިޓީގައިވެސް ތިއްބަވަނީ އެމްޑީޕީގެ ވަކީލުން ކަމަށާއި، އެހެންކަމުން ފަނޑިޔާރުން ތިއްބެވީ އެމްޑީޕީގެ ރައީސާއި ވަކީލުންގެ ނުފޫޒުގެ ދަށުގައި ކަމަށެވެ.
ދާދި ފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޫދު ވިދާޅުވީ ރާއްޖެއަކީ މިހާރު "މުއައްސަސާތައް މިނިވަންކަންމަތީ ހިނގުމުގެ ފުރުސަތު" އޮތް އަދި ޑިމޮކްރެޓިކް ވެރިކަމެއް ކުރާ ގައުމެއް ކަމަށެވެ.
ސަރުކާރުން ވަނީ ޝަރުއީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ގެނެސްފައިވާ އެންމެ މުހިއްމު ބަދަލަކީ ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނެސް އެ ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ދިނުމެވެ. އޭގެފަހުން އެ ކޮމިޝަނުން އަންނަނީ ޝަރުއީ ކޯޓުތަކާއި ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް ބަލަމުންނެވެ.