މާލޭގެ ކުލީގެ މައްސަލައަށް އޮތް ހައްލަކީ އިތުރު ގާނޫނެއް ގެނައުން ނޫން ކަމަށާއި އެކަމަަށް އޮތް ހައްލަކީ ގެދޮރުވެރި ކުރުވުން ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިގޮތަށް ވިދާޅުވެފައިޗވަނީ މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ޔޫނިއަން، މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިން ކުލި ކޮންޓްރޯލް ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފައި ވަނިކޮށެވެ.

މަލީހު ވިދާޅުވީ މާލޭގެ ކުލީގެ މައްސަލަައަށް އޮތް ހައްލަކީ އިތުރު ގާނޫނުތަކެއް އައުން ނޫން ކަމަށާއި އެކަމަށް އޮތް ހައްލަކީ އިތުރު ހައުސިން ބާޒާރަށް ނެރެވިގެން ކަމަށެވެ.

"ކުއްޔަށް ދާއިމީ ހައްލު ލިބޭނީ އިތުރު ހައުސިން ބާޒާރަށް ނެރެގެން، ގެދޮރުވެރި ކުރުވައިގެން، އާންމުދަނީ ލިބޭނެ ގޮތް، ކުއަލިޓީ ތައުލީމު، ވަޒީފާ، ރަނގަޅު ދިރިއުޅުން ލިބިގެން، ނޫނީ ރަށަށް އަނބުރާ ނުދާނެ،"
މަލީހު

އެމްޓީޔޫ އިން މިއަދު ހަވީރު ވަނީ ޕެޓިޝަންގައި ސޮއި ކުރުމުގެ ކަންކަން ކާނިވާ ސަރަހައްްދުގައި ކުރިއަށް ގެންގޮސްފައެވެ.

ޓެނެންޓްސް ޔުނިއަންއަކީ ކުއްޔަށް ދިރިއުޅެމުން އަންނަ މީހުންނަށް ދިމާވާ އުނދަގޫތައް ހިއްސާކުރުމަށާއި ކުއްޔަށް ދިރިއުޅޭ މީހުންނަށް ރަސްމީ ސިފައެއް ހައްލު ހޯދައި ދިނުމަށް، މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އުފައްދާފައިވާ ޖަމިއްޔާއެކެވެ.

އެ ޖަމިއްޔާއިން މީގެކުރިން ވަނީ ހިޔާވެހިކަމާއި އިމާރާތް ކުއްޔަށް ދިނުމުގެ އުސޫލުތައް ބަޔާންކުރާ ގާނޫނު "ޓެނެންސީ އެކްޓް"އަށް ހިޔާލު ހުށަހެޅުމަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރާ ވެސް ބައްދަލުކޮށްފައެވެ.

މާލޭގެ ކުލި ދުވަހެއް ދުވަހަކަށް ދަނީ މައްޗަށެވެ. ގިނަ ބަޔަކު މާލޭގައި ބޮޑު ކުލީގައި އުޅެން ޖެހިފައި ވާއިރު މިއީ ގިނަ އެތައް ބައެއްގެ ކަންބޮޑުވުމެވެ.

ރައީސް ނަޝީދަށް އާންމުން ސުވާލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން "އާސްކް ސްޕީކާ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރަގްރާމްގައި އާންމުންގެ މީހަކު، މާލޭގައި ކުލި ކޮންޓްރޯލް ކުރުމަށް ވިސްނަވަންތޯ ރައީސް ނަޝީދަށް ސުވާލު ކުރުމުން ޖަވާބުގައި ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ އެފަދަ ކަންކަމާއި ނުކުޅުން ކަމަށެވެ.