މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ޔޫނިއަން، މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިން ކުލި ކޮންޓްރޯލް ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ)އިން ވަނީ އެ ޕެޓިޝަންގައި ސޮއިކުރުމުގެ ކަންކަން މިއަދު ކުރިޔަށްދާނެ ކަމަށް ބުނެފައެވެ. އެގޮތުން އެ ޖަމިއްޔާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކުލި ކޮންޓްރޯލް ކުރުމާއި ގުޅޭ ގޮތުން މަޖިލީހަށް ހުށަހަޅާ ޕެިޝަންގައި ސޮއިކުރުން މިއަދު ހަވީރު 16:00ގައި ކާނިވާ ސަރަހައްދުގައި އޮންނާނެ ކަމަށެވެ.
ޕެޓިޝަނުގައި ސޮއިކުރަން ނުވަތަ ކުލި ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްލަން ބޭނުންވާ ފަރާތްތަކުން ވެސް މި ހަރަކާތުގައި ބައިވެރިވުމަށް އެ ޔޫނިއަން އިން އެދެއެވެ.
ޓެނެންޓްސް ޔުނިއަންއަކީ ކުއްޔަށް ދިރިއުޅެމުން އަންނަ މީހުންނަށް ދިމާވާ އުނދަގޫތައް ހިއްސާކުރުމަށާއި ކުއްޔަށް ދިރިއުޅޭ މީހުންނަށް ރަސްމީ ސިފައެއް ހައްލު ހޯދައި ދިނުމަށް، މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އުފައްދާފައިވާ ޖަމިއްޔާއެކެވެ.
އެމްޓީޔޫ އިން ބުނީ އެ ޖަމިއްޔާގެ މަގުސަދަކީ ޒަމާންތަކެއް ވަންދެން މާލޭގައި ކުއްޔަށް ދިރިއުޅެމުން އައި މީހުން ވޭނާއި ތުރާތައް ހިއްސާކުރަމުންދާތީ އެމީހުންގެ ކަންބޮޑުވުންތަކަށް ރަސްމީ ސިފައެއް ގެނެސްދިނުން ކަމަށެވެ.
އެ ޖަމިއްޔާއިން މީގެކުރިން ވަނީ ހިޔާވެހިކަމާއި އިމާރާތް ކުއްޔަށް ދިނުމުގެ އުސޫލުތައް ބަޔާންކުރާ ގާނޫނު "ޓެނެންސީ އެކްޓް"އަށް ހިޔާލު ހުށަހެޅުމަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރާ ވެސް ބައްދަލުކޮށްފައެވެ.
މާލޭގެ ކުލި ދުވަހެއް ދުވަހަކަށް ދަނީ މައްޗަށެވެ. ގިނަ ބަޔަކު މާލޭގައި ބޮޑު ކުލީގައި އުޅެންޖެހިފައިވާއިރު މިއީ ގިނަ އެތައް ބައެއްގެ ކަންބޮޑުވުމެވެ.
ރައީސް ނަޝީދަށް އާންމުން ސުވާލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން "އާސްކް ސްޕީކާ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރަގްރާމްގައި އާންމުންގެ މީހަކު ވަނީ މާލޭގައި ކުލި ކޮންޓްރޯލް ކުރުމަށް ވިސްނަވަންތޯ ރައީސް ނަޝީދަށް ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ އެފަދަ ކަންކަމާއި ނުކުޅުން ކަމަށެވެ. މާލޭގައި ކުލީގެ އަގު ބޮޑުވެފައިވަނީ އިމާރާތް ކުއްޔަށް ހިފަން ބޭނުންވާ މީހުންގެ އަދަދު ގިނަވެ، އިމާރާތްތައް މަދުވުމުން ކަމަށާ ކުލި ދަށް ކުރެވޭނީ ބޭނުންވާ މިންވަރަށް ވުރެ އިތުރަށް އިމާރާތްތައް ހެދިގެން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ކުލި ކޮންޓްރޯލް ކޮށްފިނަމަ އެކަމުގެ ނޭދެވޭ އަސަރު އިގްތިސާދަށް ކުރާނެ ކަމަށެވެ. އަދި ކުލި ކޮންޓްރޯލް ކުރުމަށް މިހާތަނަށް މަސައްކަތް ކުރި ގައުމުތަކުން ރަނގަޅު ބަދަލެއް ފެނިފައިނުވާ ކަމަށް ވިދާޅުވިއެވެ.