ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީ ކައުންސިލް ތަކުން އަންހެނުންނަށް ހާއްސަ ކުރި ދާއިރާތައް ރޭ އިއުލާންކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ދާއިރާތައް ކަނޑައެޅީ ގުރުއަތު ނަގައިގެންނެވެ. އެގޮތުން މާލޭގެ 18 ދާއިރާއެއްގެ ތެރެއިން ހަ ދާއިރާއެއް އަންހެނުންނަށް ހާއްސަ ކޮށްފައި ވާއިރު، އައްޑޫގެ 12 ދާއިރާއިން ހަތަރު ދާއިރާއެއް އަދި ފުވައްމުލަކުގެ 6 ދާއިރާގެ ތެރެއިން 2 ދާއިރާއެއް ވަނީ އަންހެނުންނަށް ހާއްސަ ކޮށްފައެވެ.

މި ފަހަރު ދާއިރާތަކުގެ ނަންތަކުގެ ގޮތުގައި ދީފައި ވަނީ ނަމްބަރުތަކެކެވެ. އެގޮތުން ކޮންމެ އަވަށެއް ވަނީ ގިނަ ދާއިރާތަކަކަށް ބަހާލައި، ނަމްބަރު ދީފައިއެވެ.

އެގޮތުން މާލެއިން އަންހެނުންނަށް ހާއްސަކުރި ދާއިރާތަކަކީ މާލެ ސިޓީގެ 2 އަދި 4 (ހެންވޭރުގެ ބައެއް)، 9 (މައްޗަންގޮޅީގެ ބައެއް)، 12 އަދި 14 (މާފަންނުގެ ބައެއް) އަދި 18 (ވިލިމާލެ) އެވެ. އައްޑޫއިން އަންހެނުންނަށް ހާއްސަކުރި ދާއިރާތަކަކީ އައްޑޫ ސިޓީގެ 3 (ހިތަދޫގެ ބައެއް)، 6 (ފޭދޫގެ ބައެއް)، 18 (ހުޅުދޫގެ ބައެއް) އަދި 12 ( މީދޫގެ ބައެއް) އެވެ.

މީގެ އިތުރުން ފުވައްމުލަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތަކަކީ ފުވައްމުލަކު ސިޓީގެ 1 (ދަޑިމަގު، ދިގުވާނޑުގެ ބައެއް) އަދި 4 (ފުނާޑުގެ ބައެއް) އެވެ.

އިންތިހާބީ ދާއިރާތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހަށް ވަނީ ހަމަވެފައެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބީ ދާއިރާތަކުގެ ފައިނަލް ރިޕޯޓް ދެ ދުވަހެއްގެ ތެރޭގައި އާންމު ކުރާނެ ކަަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އެންމެ މުހިންމު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރި ކުރުމާއި ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އެންމެ މުހިންމު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރި ކުރުމާއި ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމެވެ.

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.