ސަރުކާރު ކޯލިޝަންގެ އެއް ޕާޓްނަރު އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަބްދުލް އަލީމުގެ ހިއްސާ އޮންނަ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާ އުފުލާފައިވަނީ މައްސަލަތަކެއް އުޅޭތީ ކަމަށް ގަބޫލު ކުރާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑްޓެ އަކީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ އަހުމަދު އަފްޒަލުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނީގައި އަފްޒަލްގެ 80 ޕަސެންޓު ހިއްސާ އޮވެއެވެ. ބާކީ 20 ޕަސެންޓު ހިއްސާ އޮންނަނީ އަލީމްގެ ނަމުގައިއެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ސޮފްޓްވެއާއެއް ތައްޔާރުކުރުމަށްޓަކައި ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރި މަސައްކަތް ނިންމަން ކަނޑައެޅި މުއްދަތުގައި ނިމިފައިނުވާތީ އާއި ޕްރޮޕޯސަލްގެ ސްޕެސިފިކޭޝަންއާ އެއްގޮތަށް އެ ކުންފުނިން ސްފްޓްވެއާ ތައްޔާރުކޮށްފައިނުވާތީ، އެ މަސައްކަތަށް ހަރަދު ކުރި ފައިސާ ހޯދުމަށް އެކުންފުނީގެ މައްޗަށް ސިވިލް ކޯޓުގައި މިއަދު ވަނީ ދައުވާ އުފުލާފައިފިއެވެ.

އެކަމާ ގުޅިގެން އަލީމް ވިދާޅުވީ ދުވަހަށް މަސައްކަތް ނުނިމިވާނަމަ އެއީ މައްސަލައެއް ކަމަށާއި ދައުވާ ކުރާނީ މައްސަލަތަކެއް އުޅޭތީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"ތިކަހަލަ މަސައްކަތްތައް ކުރާނީ އެކަމުގެ ތަޖުރިބާ ކާރުން، އޯލް ދަ ބެސްޓް،" އަލީމްގެ ޓްވީޓްގައި ވެއެވެ.

އޭޖީ އޮފީހުން މިއަދު ބުނީ ކޭސް މެނޭޖުމަންޓް ސިސްޓަމް ސްފްޓްވެއާއެއް ޑިވެލޮޕްކުރުމަށް އެ އޮފީހުން ޕްރޮޕޯސަލެއް ތައްޔާރުކޮށް، ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑާ އެކު 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ޕްރޮޕޯސަލެއް ހުށަހަޅާފައިވަނީ އެއަހަރުގެ ޖޫން މަހުުގެ ތެރޭގައި ކަމަށްވެސް އޭޖީ އިން ބުންޏެވެ.

ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ޕްރޮޕޯސަލްގެ މަސައްކަތަށްވާ ފައިސާ ހަމަޖައްސައިދިނުމަށް އެ އޮފީހުން 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީގައި އެދުމުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)ގެ ޕްރޮޖެކްޓެއްގެ ގޮތުގައި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ވަނީ މަސައްކަތުގެ އަގަށްވާ ފައިސާ އެކީ އެއް ފަހަރާ އެކުންފުންޏަށް ދައްކާފައެވެ.

އޭޖީ އޮފީހުން ބުނީ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން އެ އޮފީހަށް ހުށަހެޅި ޕްރޮޕޯސަލްގައި ބުނެފައި ވަނީ ހަތަރު މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށެވެ. ނަމަވެސް ކަނޑައެޅި މުއްދަތުގައި މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުން، މަސައްކަތް ނިންމުމަށް އިތުރު މުއްދަތު އެކި ފަހަރު މަތިން އެކުންފުންޏަށް ދީފައިވާ ކަމަށެވެ.

އެ މަސައްކަތް ނިންމައި، ހަވާލު ކުރަންޖެހޭ އެންމެ ފަހު ތާރީހަކީ މިއަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަސް ކަމަށާއި ނަމަވެސް ޕްރޮޕޯސަލްގެ ސްޕެސިފިކޭޝަންއާ އެއްގޮތަށް އެ ކުންފުންޏަށް ސޮފްޓްވެއާ ތައްޔާރު ކުރެވިފައިނުވާ ކަމަށްވެސް އޭޖީއިން ބުންޏެވެ.

"އެއްބަސްވެފައިވާ ގޮތަށް ކޭސް މެނޭޖުމަންޓް ސިސްޓަމް ސްފްޓްވެއާ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑަށް ތައްޔާރުކުރެވިފައި ނުވާތީ، އެ މަސައްކަތަށް ހަރަދު ކުރަން ޖެހުނު 53,826.80 ޑޮލަރު، ދައުލަތަށް ދެއްކުމަށް ކޯޓަށް ހުށަހެޅި ދައުވާގައި އެދިފައިވާނެ،" އޭޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ އެ މުއާމަލާތާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަމެއް އޮތްނަމަ އެކަން ތަހުގީގުކޮށް ފިޔަވަޅު އަޅައި ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށެވެ.