5 ކުޑަކުދިންވެސް ހިމެނޭ ގޮތަށް ގައްޒާގެ އެއް އާއިލާއަކަށް ނިސްބަތްވާ 9 މެމްބަރުން މަރުވެދިޔަ ހަމަލާ ދެވުނީ، އެފަދަ ހަމަލާއެއްގައި އާންމުންނަށް ލިބޭނެ ގެއްލުން ވަޒަން ކުރަން އެސެސްމަންޓް ހެދިއިރު ހެދުނު ގޯސްތަކަކުން ކަމަށް އިސްރާއީލުން އިއުތިރާފު ވެއްޖެއެވެ.

ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އިސްރާއީލުން އުދުވާނީ ހަމަލާ ދިނީ ފަލަސްތީނިއަން އޮތޯރިޓީ (ޕީއޭ)ގައި މަސައްކަތްކުރި ގައްޒާ މުވައްޒަފެއް ކަމަށްވާ ރަސްމީ އަބޫ މަލްހޫސްއާއި އޭނާގެ ބޭބެ މުޙައްމަދު ދިރިއުޅެމުންދިޔަ ގެއަށެވެ.

ދީރް އަލް-ބަލާގައި ހުންނަ ސަވަރުކާ އާއިލާގެ ގެއަށް އަމާޒުކޮށް އިސްރާއީލުން ދިން 4 ހަމަލާގައި އެ އާއިލާގެ 9 މެމްބަރުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 5 ކުޑަކުދިންވެސް ހިމެނެއެވެ. މި ހަމަލާތަކުގައި ރަސްމީއާއި އޭނާގެ 2 ވަނަ އަނބި މަރްޔަމްއާއި ރަސްމީގެ 11 ދަރިންގެ ތެރެއިން އުމުރުން 12 އަހަރުގެ ކުއްޖަކާ، 3 އަހަރުގެ ކުއްޖެއްގެ އިތުރުން އެންމެ 3 މަހުގެ ކުއްޖަކު ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން މުޙައްމަދު އަންހެނުން ޔުސްރާއާއި، އެދެމެފަރިންނަށް އުފަން، އުމުރުން 7 އަހަރުގެ ކުއްޖަކާ 13 އަހަރުގެ ކުއްޖެވެސް މިހަމަލާގައި ޝަހީދުވިއެވެ. މި ހަމަލާތަކުގައި ލިބުނު ޒަހަމްތަކާއެކު މުޙައްމަދު މި ދުނިޔެއާއި ވަކިވީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

އިސްރާއީލު އަސްކަރިއްޔާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހަމަލާ އަމާޒުކުރި ސަރަހައްދަކީ އެސެސްމަންޓްގައިވާ ގޮތުން 'އިސްލާމިކް ޖިހާދުން' ޓެރަރިޒަމް ހިންގުމަށް ބޭނުންކުރާ ތަނެކެވެ. އަދި އެތަނަށް ހަމަލާ ދީގެން އާންމު މީހަކަށް ލިބޭނެ ގެއްލުމެއް ނޯންނާނެ ކަމަށް އަސްކަރިއްޔާއަށް ހީވި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހެދުނު ގޯހުން ފިލާވަޅުތަކެއް ދަސްކުރާނެ ކަމަށާ، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ހިނގުން ކުޑަކުރާނެ ކަމަށްވެސް އިސްރާއީލުގެ ބަޔާނުގައި ވެއެވެ.