ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަތިޔާރު ހިފައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވަމުން ގެންދަނީ ރާއްޖެއަށް މާބޮޑު ނުރައްކަލެއް އޮވެގެން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ހޫދު ވިދާޅުވީ އިއްޔެގެ ވަގުތެއްގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން މުޅި ރާއްޖޭގެ އެލާޓް ލެވެލް "ޔެލޯ 2" އަށް ބަދަލުކޮށްފައިވަނީ ސެކިއުރިޓީ ކަންކަން އިތުރުކޮށްލަން ކަމަށެވެ.

ހޫދު ވިދާޅުވީ، މިއަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޓާގެޓު ހާސިލުވި އަހަރެއް ކަމަށާއި އެހެން ކަމުން މިހާ ގިނަ ފަތުރުވެރިން ރާއްޖޭގައި ތިބި ވަގުތެއްގައި އެމްއެންޑީއެފްގެ އެލާޓް ލެވެލް ބަދަލުކޮށްފައި ވަނީ ސެކިއުރިޓީކަންކަން އިތުރުކޮށްލުމަށް ކަމަށެވެ.

ހޫދު މިފަދައިން ވިދާޅުވިއިރު އެމްއެންޑީއެފް އިން އިއްޔެ ވަނީ އެލާޓު މަތިކުރަނީ ކީއްވެގެންކަން ވެސް ހާމަކޮށްފައެވެ. އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" އަކީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުން އެލާޓު ކުރާ އެންމެ މަތީ މިންގަނޑެވެ. އޭގެ ދަށް މިންގަނޑަކީ "ޔެލޯ 1" އެވެ.

އެމްއެންޑީއެފްއިން ބުނީ ސްޓޭޓަސް މައްޗަށް ޖައްސާ "ޔެލޯ 2" އަށް ބަދަލުކުރުމަށް ނިންމާފައި ވަނީ، ރޭ 19:00 އިން ފެށިގެންނެވެ. މިއާއެކު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރި ވާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިގޮތުން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރަމުން ގެންދާނެ ކަމަށްވެސް ބުނެއެވެ.

ނަމަވެސް ފަހުން އެމްއެންޑީއެފްއިން ވެސް ބުނެފައިވަނީ ސެކިއުރިޓީ މަތިކޮށްފައި ވަނީ ވަކި ނުރައްކަލެއް އޮވެގެން ނޫން ކަމަށް ބުނެފައެވެ.