އިސްލާމިކް މިނިސްޓާ ޑރ. އަހްމަދު ޒާހިރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

ހަލީމް މިހެން ވިދާޅުވެފައި ވަނީ ރޭ ކުރެއްވި ޓްވީޓެއްގައެވެ. ހަލީމް ކުރެއްވި ޓްވީޓުގައި ވަނީ މިނިސްޓާ އިސްތިއުފާ ދެއްވަން ގޮވާލައްވައިފައެވެ.

އަދި އެގޮތަށް އަމަލު ނުކުރައްވައިފި ނަމަ، ރައްޔިތުންގެ މަޖިލިސް ހުޅުވުމާ އެކު އޭނާ މަގާމުން ވަކިކުރަން ހުށަހަޅުއްވާނެ ކަމަށް ހަލީމް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ހަލީމް މިހެން ވިދާޅުވެ އިސްލާމިކް މިނިސްޓަރާ މެދު ހިތްހަމަނުޖެހުން އޮތީ، ރާއްޖޭގައި އެކިފަރާތްތަކުން ދީނީ ހައްދުފަހަނާޅައި ދިއުމުގެ ފިކުރު ޕްރޮމޯޓްކޮށް ހަރަކާތްތައް ހިންގާ މައްސަލައިގައި އެކަށީގެންވާ ފިޔަވަޅު ނާޅުއްވައި ހުންނަވާ ކަމަށް ތުހުމަތު ކުރައްވައެވެ.

ހަރުކަށި ފިކުރު ފަތުރާ މައްސަލައިގައި 3 އިލްމުވެރިއެއްގެ ހުއްދަ ހިފަހައްޓާފައި ވާއިރު، މި މައްސަލައިގައި އިލްމުވެރިންނާ މަޝްވަރާ ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓާ ޒާހިރު ވަނީ ވިދާޅުވެފައެވެ.

އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރު ފެތުރުން ހުއްޓުވަން ކަމާބެހޭ އިދާރާތަކުން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އަދި ހަރުކަށި ފިކުރުގެ 1،570 އެއްހާ މީހުން ދިވެހިންގެ ތެރޭގައި މިހާރުވެސް އެބަ ތިބި ކަމަށް ސަލާމަތީ ބާރުތަކުން ބުނެއެވެ.