ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލު ކުރަމުންދާ މެލޭޝިޔާގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފޮރިން މިނިސްޓްރީން "ދަޕްރެސް"އަށް މައުލޫމާތު ދެމުން މިރޭ ބުނީ އެފަދަ ކަމެއް މެލޭޝިޔާގައި ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް މަރުވި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ނަމަވެސް 'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުން ނިޔާވެފައިވަނީ ޝިނާން ނަމަކަށް ކިޔާ ދިވެއްސެކެވެ.

ފޮރިން މިނިސްޓްރީން ބުނީ އެކަން ހިނގާ ދިޔަ ގޮތް މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.

މެލޭޝިޔާގައި ދެހާހަށްވުރެ ގިނަ ދިވެހިން އަންނަނީ ތައުލީމު ހާސިލު ކުރަމުންނެވެ. މީގެއިތުރުން މެލޭޝިޔާއަށް މި ދުވަސްވަރު ޗުއްޓީއަށް ވެސް ވަރަށް ގިނަ ދިވެހިން ވަނީ ގޮސްފައެވެ.

މެލޭޝިއާއަކީ ދިވެހިން ތައުލީމު ހާސިލު ކުރަން ދާ ގައުމެއްގެ އިތުރުން އެތައް ދިވެހިންނެއް ދިރިއުޅޭވެސް ގައުމެކެވެ.