ރާއްޖޭގެ ސަލާމަތީ ކަންކަން ކުއްލިގޮތަކަށް ވަރުގަދަކުރި ސަބަބު ހާމަކުރަން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

މިކަމާ ގުޅިގެން އިދިކޮޅުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މިފަދަ އޮޕަރޭޝަނެއް ހިންގަން ޖެހުނީ ކޮން ސަބަބަކާ ގުޅިގެންކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށާއި އިދިކޮޅު ފަރާތްތަކުގެ މަގުސަދަކީ މިކަމާ ދެކޮޅު ހެދުން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ސިފައިންގެ އެ އޮޕަރޭޝަނަށް ދެކޮޅު ހައްދަވަނީ ނޫން ކަމަށާއި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ ކޮންމެ ކަމެއްގައި ވެސް ޕީޕީއެމް އަދި ޕީއެންސީގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

"ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކުރެވޭ ކޮންމެ ކަމެއްގައި އަޅުގަނޑުމެންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން އޮންނާނެ. ނަމަވެސް މިފަދަ ކަމެއް ކުރާއިރު، މިކަން ފެށުމުގެ ކުރިން އެބަޖެހޭ ރައްޔިތުންނަށް ތަފްސީލީ މައުލޫމާތުތަކެއް ހާމަކޮށްދޭން"
އަދުރޭ

މިކަމާ ގުޅޭ މައުލޫމާތުތައް ހާމަނުކުރާނަމަ ރައްޔިތުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދިދާނެ ކަމަށާއި އަދި މިފަދަ ކަމެއްގެ ސަބަބުން ވިޔަފާރިތަކަށާއި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވެސް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސާ "ޔެލޯ 2" އަށް ބަދަލުކުރުމަށް ނިންމާ އެކަން ހާމަކުރީ މިރޭ އިރާކޮޅުއެވެ. އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" އަކީ ޤައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުން އެލާޓު ކުރާ އެންމެ މަތީ މިންގަނޑެވެ. އޭގެ ދަށް މިންގަނޑަކީ "ޔެލޯ 1" އެވެ.

އެމްއެންޑީއެފްއިން ބުނީ ސްޓޭޓަސް މައްޗަށް ޖައްސާ "ޔެލޯ 2" އަށް ބަދަލުކުރުމަށް ނިންމާފައި ވަނީ، މިރޭ 19:00 އިން ފެށިގެން ކަމަށެވެ. މިއާއެކު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރި ވާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިގޮތުން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރަމުން ގެންދާނެ ކަމަށްވެސް ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ މިކަމަކީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއް ކަމަށް ވުމާއެކު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޔަގީން ކުރާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ވާޖިބު އަދާކުރުމުގައި ދޭ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި އެންމެހާ ރައްޔިތުންނަށް އެމްއެންޑީއެފުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެމްއެންޑީއެފުން ޔެލޯ އެލާޓު މައްޗަށް ޖެއްސި މި ދަނޑިވަޅަކީ، އާއަހަރު ފާހަގަ ކުރުމުގެ ތައްޔާރީތައް ރާއްޖޭގެ ރިސޯޓުތަކާއި އެކިއެކި ސަރަހައްދުތަކުގައި ކުރިއަށް ދާ ދަނޑިވަޅެކެވެ. އަދި ހަމަ އެހެންމެ، ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ހާއްސަ އޮޕަރޭޝަނެއް ހިންގަމުން ގެންދާ ދަނޑިވަޅެއްވެސް މެއެވެ. މީގެ އިތުރުން ކްރިސްމަސް ފާހަގަ ކުރާ އެކިއެކި ސަރަހައްދުތަކުގައި ބަދަލު ހިފުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދަން އައިސިސްއިން ރާވާފައި އޮތް ދަނޑިވަޅެއްކަމަށްވެސް ބޭރުގެ ބައެއް ހަބަރުތައް ބުނެއެވެ.

އައިސިސްގެ ބަދަލު ހިފުމަކީ، އެ ޖަމާއަތުގެ ލީޑަރު ބަޣްދާދީގެ މަރާ ގުޅިފައިވާ ބަދަލުހިފުމެއް ކަމަށްވެސް ހަބަރުތައް ބުނެއެވެ.