ޓެރެރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާތަކުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށްޓަކައި ކުރިއަށް ދާ ގައުމީ މަސައްކަތުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަމަށް ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރުން އެދެފިއެވެ.

ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، ޓެރެރިޒަމާއި ހަރުކަށި ފިކުރަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލަކަށް ވެފައި ވާއިރު، މިއީ އަންނަން އޮތް ޖީލުތައް ފިކުރީ ގޮތުން ކުރިއަރައި ދިއުމާއި ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ކުރިމަތިވަމުން އަންނަ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އަދި ހަރުކަށި ފިކުރުތައް ފަތުރާ މީހުން ރެއާއި ދުވާލު، އިންޓަނެޓުގެ ވަސީލަތްތަކާއި، ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި، ސިއްރިއްޔާތުގައި އެބައިމީހުންގެ ފަނާކުރަނިވި ފިކުރު ފަތުރަން ގިނަ ގުނަ ރޭވުންތައް ރާވާ އެބައިމީހުންގެ ފިކުރު ފެތުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން މިކަންކަމަށް އެންމެހާ ފަރާތްތަކުން ސަމާލުވުމަށް ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރުގެ ފަރާތުން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި މިފަދަ ނުރައްކާތަކާ މެދު ސަމާލުވެ، ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކާ ބެހޭ މައުލޫމާތު ސަލާމަތީ ހިދުމަތްތަކަށް ފޯރުކޮށް ދެމުން ގެންދިއުމަށްވެސް ވަނީ އެދިފައެވެ. މައުލޫމަތު ދިނުމަށް ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރުގެ ނަންބަރު 1615 ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ނަންބަރު 9704000 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ވަނީ ބުނެފައެވެ.

އެންސީޓީސީން މިގޮތަށް ބުނެފައި ވާއިރު އެމްއެންޑީއެފުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިރޭ 7:00 އިން ފެށިގެން ރާއްޖޭގެ ޤަޢުމީ ދިފާޢީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސާ "ޔެލޯ 2" އަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިގޮތުން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރަމުން ގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. އަދި މިކަމަކީ ޤައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއް ކަމަށް ވުމާއެކު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޔަގީންކުރާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" އަށް ބަދަލުކުރަނީ ޤައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުންނެވެ.