ދެހާސް ވިހިވަނަ އަހަރު ނިމިގެންދާއިރު ޖަލުގެ ޖާގައިގެ ދަތިކަމަށް އެކަށީގެންވާ ބޮޑު ހައްލެއް ހޯދައިދެއްވާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕެރޯލް އޮފިސަރުންނަށް ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިރާދަކުރެއްވިއްޔާ ޖާގައިގެ ދަތިކަމަށް އަވަސް އެކަށީގެންވާ ބޮޑު ހައްލެއް ހޯދައިދޭނެކަމަށެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ބަޔަކު މޯލްޑިވްސް ޕޮލިސް ސާވިސްގެ ބެލުމުގެ ދަށުގައި ތިބިތިބުމަށް އިޝާރާތްކުރައްވާ މިނިސްޓަރު ވިދާޅުވީ އެއީ އަޅުގަނޑުމެން ބޭނުންވާގޮތެއް ނޫންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެކަން އެހެން ދިމާވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި އެކަށީގެންވާ ޖާގަ ނެތުމުންކަމަށާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ދަށުގައި ގައިދީން ބަންދުކޮށްގެން ގެންގުޅޭނެ ޖާގައިގެ ގޮތުގައި ހުރީ 1300 އެއްހާ ޖާގަ ކަމަށެވެ. ނަމަވެސް މިވަގުތުވެސް ޖަލުތަކުގައި ދެހާހެއްހާ މީހުން ބަންދުކޮށްފައި އެބަތިބިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މިއީ ހައްލެއް ހޯދަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އަދިި އިރާދަކުރެއްވިއްޔާ އަވަސް ހައްލެއް ހޯދާނެ ކަމެއްކަމަށެވެ.

މިއަހަރަށް ބަލައިފިކަމަށްވާނަމަ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ޖަލުގެ ޖާގައިގެ ދަތިކަން ފިލުވުމަށް ކުރެވިފައިނުވާވަރުގެ ގިނަ މަސައްކަތް މިއަހަރު އެކަނި ކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއަހަރުގެ މިހާތަނަށް ވަނީ ކުރިން ބޭނުން ނުކުރެވޭ ހާލަތުގައި ހުރި 180 މީހުންގެ ޖާގަ ޖަލުތަކުގައި ބޭނުންކުރެވޭ ރަނގަޅު ހާލަތަކަށް ގެނެސްފައެވެ. އަދި ބިދޭސީންނަށް ހާއްސަ 60 މީހުންގެ ޖާގައިގެ ތަނެއް މުޅިން އަލަށް ހުޅުމާލޭގައި ހަދާފައެވެ.