ދިވެހިރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމަށް ދެކޮޅު ނަހަދާކަން ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުން އެޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަށް އަންގައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ރައީސް ސޯލިހަށް ފޮނުއްވި ސިޓީފުޅެއްގައެވެ. މެންބަރު އެއްވެސް ގައުމަކުން، ދިވެހިރާއްޖެ އަލުން މެންބަރަކަށް ވުމަށް ދެކޮޅު ނަހަދާކަމަށް ބުނުމަކީ ކޮމަންވެލްތާއި ރާއްޖެ އަލުން ގުޅުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. ޑިސެމްނަރު މަހުގެ 23 ވަނަ ދުވަހު ރައީސްއަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ފޮނުއްވި ސިޓީފުޅުގައިވަނީ ދިވެހިރާއްޖެއަށް ވަޑައިގެންނެވި ދެ އެސެސްމަންޓް ޓީމާއި އިލެކްޝަން އޮބްޒާވޭޝަން މިޝަންގެ ކާމިޔާބު ދަތުރުތަކަށްފަހު، އެ ޓީމްތަކުގެ ރިޕޯޓްތައް މެންބަރު ގައުމުތަކާއި ހިއްސާކުރެވި، ހުރިހާ ގައުމަކުންވެސް އެރިޕޯޓްތައް ބަލައިގެންފައިވާކަމަށެވެ.

އަދި ދިވެހިރާއްޖެ މިހާރު އޮތީ ކޮމަންވެލްތުގެ މެންބަރު ގައުމަކަށްވުމަށް ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައި ކަމަށް ސެކްރެޓަރީ ޖެނެރަލް ފާހަގަކުރެއްވިއެވެ. ކޮމަންވެލްތަށް އަލުން ވަނުމުގެ މުހިއްމު ހަރުފަތެއް ރާއްޖެއިން ފުރިހަމަކޮށްފައިވާއިރު، ވީހާވެސް އަވަހަކަށް ދިވެހިރާއްޖެއަކީ ކޮމަންވެލްތުގެ މެންބަރު ގައުމަކަށް ހެދުމަށް މެންބަރު އެހެން ގައުމުތަކުން ދަނީ ބާރުއަޅަމުންނެވެ. 2020 ވަނަ އަހަރުގެ ކުރީކޮޅު ކޮމަންވެލްތުގެ ފުރިހަމަ މެންބަރު ގައުމަކަށްވެ، 2020 ޖޫންގައި ރުވާންޑާގެ ވެރިރަށް ކިގާލީގައި އޮންނަ ކޮމަންވެލްތު ހެޑްސް އޮފް ގަވާމަންޓް ބައްދަލުވުމުގައި ކޮމަންވެލްތުގެ ފުރިހަމަ މެންބަރު ގައުމެއްގެ ގޮތުގައި ބައިވެރިވެވޭނެއެވެ.

ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވީ 2016 އޮކްޓޯބަރ 13 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެންބަރަކަށް އަލުން ވުމަށް ހުށަހެޅީ 2018 ޑިސެމްބަރު 6 ގައެވެ.