މަކްތަބާ ސަލަފިއްޔާއިން ރަޖިސްޓްރީ ނުކޮށް ސްކޫލް ހިންގާ މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން، އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް ވިދާޅުވީ، މަކްތަބާ ސަލަފިއްޔާ އަކީ ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ ޖަމާއަތެއް ކަމަށާއި އެ ޖަމާއަތުން ދަނީ ރާއްޖޭގެ ތިން ސަރަހެއްދެއްގައި ރަޖިސްޓްރީނުކޮށް އަމިއްލައަށް ސުކޫލު ހިންގަމުން ކަމަށެވެ.

އަފްރާހު ވިދާޅުވީ، ސަރުކާރުން ހިންގާ ސްކޫލްތަކަށް ކުދިން ކިޔަވަން ނުފޮނުވާ ހަމައެކަނި އެ ޖަމާއަތުގެ ސްކޫލްތަކަށް ކިޔެވަން ފޮނުވުމަށް ފަތުވާ ދީފައިވާ ކަމުގެ މައުލޫމާތު އިސްލާމިކް މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. މި ފަތުވާތައް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ދަނީ ދާދި ފަހުން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ހިފެހެއްޓި މަކްތަބާ ސަލަފިއްޔާގައި އިސްކޮށް އުޅުއްވާ ޝެއިހް މުހައްމަދު ހަސަން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައި ވާއިރު، މަކްތަބާ ސަލަފިއްޔާގެ ފަރާތުން ސްކޫލެއް، މަދަރުސާއެއް އަދި ޓިއުޝަން ސެންޓަރެއްވެސް ހިންގަމުން ނުގެންދާ ކަމަށް ބުނެ، އެ ފަރާތުން އިސްލާމިކް މިނިސްޓްރީގެ ތުހުމަތުތައް ވަނީ ދޮގު ކޮށްފައެވެ. އަދި މަކްތަބާ ސަލަފިއްޔާ އަކީ ޖަމާއަތެއް ނޫން ކަމަށާ އެއީ ދީނީ ހޭލުންތެރިކަމަށްޓަކައި ރާއްޖޭގައި މަސައްކަތް ކުރާ ހަރަކާތެއް ކަމަށްވެސް ބުނެއެވެ. މީގެ އިތުރުން މަކްތަބާ ސަލަފިއްޔާ މަސައްކަތް ކުރަމުންދަނީ ސޯޝަލް މީޑިއާއާއި ވެބްސައިޓެއް ހަދައިގެން ރައްޔިތުންގެ ދީނީ ހޭލުންތެރިކަމަށްޓަކައި ކަމަށް އެ ފަރާތުން ބުނެއެވެ.

މަކްތަބާ ސަލަފިއްޔާގެ މައްޗަށް ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތުތަކެއް އުފުލާފައި ވާއިރު، މަކްތަބާ ސަލަފިއްޔާއިން ވަނީ އެ ތުހުމަތުތައް ދޮގު ކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާފައެވެ. ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތުތައް ރާއްޖޭގައި ހަރަކާތެރިވާ ގިނަ އިލްމުވެރިންނަށް އެޖަމާއަތުން ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ގިނަ ބަޔަކު ނިސްބަތްވަނީ ޖަމިއްޔަތުއްސަލަފަށެވެ.

އެ މައްސަލައާ ގުޅިގެން މީޑިއާގައި ސަލަފުން ބުނެފައިވަނީ މަކުތަބާ ސަލަފިއްޔާއަކީ ޣައިރުގާނޫނީ ޖަމާއަތެއް ކަމަށާ، އެމީހުންގެ ވާހަކަތަކަށް ދޭނެ ރައްދެއް ނެތް ކަމަށެވެ.