މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ޖަލުތަކުގައި ޖާގަ ނެތިގެން ގައިދީންނާ ހަވާލުވުމަށް ކަރެކްޝަނުން އުޒުރުވެރިވުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފާޑުކިއުން އަމާޒުވެއްޖެއެވެ.
މިނިސްޓަރު އިމްރާނަށް ފާޑުކިއުން އަމާޒު ކުރައްވަމުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވަނީ، ހޯމް މިނިސްޓަރު ކުރައްވައިގެން ހުންނެވި ހުވަޔާ އެއްގޮތަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭނަމަ، ދުރަށް ވަޑައިގެންނެވުމަށް ގޮވާލައްވާފައެވެ. އެގޮތުން މުހުތާޒް ވަނީ، ޖަލުތަކުގައި ޖާގަ ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޒިންމާއެއް ނޫންކަން ފާހަގަ ކުރައްވާފައެވެ.
މުހުތާޒް ވިދާޅުވީ، ތަންފީޒު ޖަލެއްގައި ހުންނަން ޖެހޭ ގައިދީއަކު ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަކީ ގާނޫނީ ކުށެއް ކަމަށެވެ.
ޖަލުތަކާއި ޕެރޯލް ގާނޫނުގައި ބުނާ ގޮތުން، ތަފާތު ގިންތިތަކުގެ ގައިދީން ބަންދުކޮށްފައި ބަހައްޓަން ޖެހޭނީ އެ ގިންތިއަކަށް ހާއްސަ ކުރެވިފައިވާ ޖަލެއްގައެވެ. އެގޮތުން ތަހުގީގަށް ބަންދު ކުރެވޭ މީހުން ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރަން ޖެހޭއިރު، ތަހުގީގު ނިމި، ޝަރީއަތް ފެށުމުގެ ކުރިން ނުވަތަ ޝަރީއަތް ފެށި ހުކުމް ކުރުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން ބަންދު ކުރާ މީހުން ބަންދު ކުރަން ޖެހޭނީ ރިމާންޑް ޖަލެއްގައެވެ. އަދި ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުން ދާ މީހުން ބަންދު ކުރަން ޖެހޭނީ އާންމު ޖަލެއްގައި ކަމަށް ވެސް ޕެރޯލް ގާނޫނު ބުނެއެވެ.
މީގެ އިތުރުން މުހުތާޒް ވަނީ ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ބެހޭ ގޮތުން ވެސް ސުވާލު ކުރައްވާފައެވެ. މުހުތާޒް ވިދާޅުވީ، ޖަލު އޮޑިޓުގެ ހުށަހެޅުންތަކަށް ވީ ކިހިނެތްތޯ ހޯމް މިނިސްޓަރު ސާފުކޮށްދެއްވަން ޖެހޭކަމަށެވެ. އަދި 2 އަހަރާއިި 8 މަސް އޭނާ ހޭދަކުރެއްވި ކަރަންޓު ނެތް ހޫނު ގޮޅީގައި ހޯމް މިނިސްޓަރު ވެސް 2 މަސް ހޭދަކުރެއްވިކަން ފާހަގަ ކުރައްވާ ޖަލުތަކުގެ ހާލަތު މުހުތާޒް ވަނީ ފާހަގަ ކުރައްވާފައެވެ.
މުހުތާޒް ވިދާޅުވީ، ޖަލުގެ ހާލަތު ގާތުން ތަޖުރިބާ ކުރެއްވި ބޭފުޅަކު ހޯމް މިނިސްޓަރު ކަމަށް ވަޑައިގަތުމުން، ޖަލުގެ ހާލަތަށް އިސްލާހުތަކެއް ގެންނަވާނެ ކަމުގެ އުއްމީދު ކުރެއްވުނު ކަމަށެވެ. ނަމަވެސް މިހާރުވެސް ޖަލުގެ ހާލަތު އޮތީ އޭރުވެސް ޖަލުގެ ހާލަތު އޮތް ގޮތަށް ކަމަށް މުހުތާޒް ފާހަގަ ކުރެއްވިއެވެ. އަދި އޭރުވެސް 'ހިސޯރުކޮށްގެން ގޯސް ހަދަހަދާ ތިބި ބަޔަކަށް' މަގާމުގެ ކުރިއެރުން ދެއްވާފައިވާ ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން ޖަލު އިސްލާހު ކުރުމަށް ހޯމް މިނިސްޓަރަށް ދަތިވެވަޑައިގެންފައިވާ ކަމަށް މުހުތާޒް ވިދާޅުވިއެވެ.
ޖަލު އޮޑިޓް ރިޕޯޓުގެ ހުށަހެޅުންތަކަށް އަމަލު ނުކުރެވޭ ކަން ފާހަގަ ކުރައްވަމުން މުހުތާޒް ވަނީ ގާނޫނުން މަޖިލީހަށް މަތިކޮށްފައިވާ ބާރުގެ ބޭނުން ކޮށްގެން އަންނަ ދައުރުގައި ޖަލުތަކަށް އިސްލާހެއް ގެންނެވުމަށް މަޖިލިސް މެންބަރުންގެ ކިބައިން މުހުތާޒް އެދިވަޑައިގެންނެވިއެވެ.
މުހުތާޒްގެ ފާޑުކިއުން ހޯމް މިނިސްޓަރަށް އަމާޒުވެފައި ވާއިރު ކަރެކްޝަންގެ ޖަލުތައް ފުރި، އިތުރު ކުށްވެރިން ލާނެ ޖާގަ ނެތުމުން ކަރެކްޝަންސްއާ ހަވާލުކުރަން ޖެހޭ 58 ގައިދީން ދޫނިދޫގައި އެބަ ތިއްބެވެ. އަދި އޭގެ ތެރެއިން 50 މީހުންނަކީ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންސްއާ ހަވާލު ކުރަން ޖެހޭ މީހުން ކަމަށް ފުލުހުން ބުނެއެވެ.