އިސްލާމީ ދުނިޔޭގެ ގައުމުތަކާ ގަލްފުގެ ގައުމުތަކާ އިންޑިއާއާއި ދެމެދު އޮތް ގުޅުންތައް ފާއިތުވީ އަހަރުތަކުގައި ބަދަހިވެގެން ގޮސްފައިވާކަމަށާ، މިކަން މިހެން މެދުވެރިވީ އެގައުމުތަކުން އިންޑިއާގެ ސަރުކާރަށް ކުރާ އިތުބާރު ބޮޑުވުމުގެ ސަބަބުން ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށްދިޔަ ރެލީއެއްގައި ވާހަކަފުޅުދައްކަވަމުން މޯދީ ވިދާޅުވީ، އިސްލާމީ ދުނިޔޭގެ ގައުމުތަކާ ގަލްފުގެ ގައުމުތަކާ އިންޑިއާއާއި ދެމެދު އޮތީ ފުރިހަމަ ގުޅުންތަކެއް ކަމަށާ، އެކަމުގައި ބައިވަރު ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ފަލަސްތީނު، އީރާން، ސައުދީ އަރަބިއްޔާ، އެކުވެރި އަރަބި އިމާރާތް އަދި އުރުދުންއާއި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށާ، މިކަމުގެ ނަތީޖާއެއްގެ ގޮތުން ދޭދޭ ގުޅުންތައް އާ ހަރުފަތްތަކަކަށް ގެންދެވިފައިވާކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ކ) ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންއާއި ސަލާމް ކުރައްވަނީ/ފޮޓޯ: ޓައިމްސް އޮފް އިންޑިއާ

މިމޭރުމުން ވާހަކަފުޅުދައްކަވަމުން މޯދީ ވިދާޅުވީ އަފްގާނިސްތާނު، ފަލަސްތީނު، ޔޫއޭއީ އަދި ދިވެހިރާއްޖެއާއި ބަހްރައިން ފަދަ ގައުމުތަކަކީ އެގައުމުތަކުންދޭ އެންމެ މަދީ ޝަރަފު އިންޑިއާއަށް އަރުވާފައިވާ ގައުމުތަކެއް ކަމަށެވެ. އަދި މި ގައުމުތަކަކީ އިންޑިއާގެ ހަލާރާތާ ވަރުގަދަ ގުޅުންތަކެއް ބަދަހިކޮށްފައިވާ ގައުމުތަކެއް ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަލާމް ކުރައްވަނީ / ފޮޓޯ: ހުސައިން މަޚްތޫމް | ދަ ޕްރެސް

މިމޭރުމުން ވާހަކަފުޅުދައްކަވަމުން މޯދީ ވިދާޅުވީ އިންޑިއާގެ މަޝްވަރާތަކާއެކު ސައުދީއިން އިންޑިއާއަށް ދޫކުރާ ޙައްޖު ކޯޓާވެސް އިތުރުކޮށްފައިވާކަމަށެވެ. މީގެ އިތުރުން މާޒީ ދެކެފައި ނުވާހާ ގިނަ އަދަދަކަށް އިސްލާމީ ގައުމުތަކުން ވަނީ އެގައުމުތަކުގައި ތިބި އިންޑިއާގެ ގައިދީން މިނިވަންކޮށްފައި ކަމަށްވެސް މޯދީ ވަނީ ފާހަގަކުރައްވާފައެވެ.

މިފަހަކަށް އައިސް ގިނަ އަދަދަކަށް އިސްލާމީ ގައުމުތަކަށް ދަތުރުކުރައްވާފައިވާ މޯދީއަށް އެގައުމުތަކުންވަނީ ޝަރަފުވެރި ކަމުގެ ގިނަ އެވޯޑްތަކެއް އަރުވާފައެވެ. އެގޮތުން އިސްލާމީ 6 ގައުމަކުންވަނީ އެގައުމަކުން ދޭ އެންމެ ޝަރަފުވެރި އެވޯޑްތައް މޯދީ އަރުވާފައެވެ. އެގޮތުން، ދިވެހި ދައުލަތުން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް ކަމަށްވާ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަނީ އަރުވާފައެވެ.