ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މުސްލިމު ލީޑަރުންނާއެކު މެލޭޝިއާއިން އިންތިޒާމުކޮށްގެން އެގައުމުގައި މިހާރު ކުރިއަށް ގެންދާ ހާއްސަ ސަމިޓަށް އަމާޒުކޮށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ނުސީދާ ގޮތުން ބަހުގެ ވަރުގަދަ ހަމަލާތަކެއްދީ، ފާޑުކިއުންތަކެއް އަމާޒުކޮށްފިއެވެ.
ސައުދީ އަރަބިއްޔާއިން ބޮއިކޮޓް ކޮށްފައިވާ މި ސަމިޓްގައި އީރާނާ ތުރުކީވިލާތް އަދި ގަތަރު ފަދަ ބާރާއި ނުފޫޒު ގަދަ އިސްލާމީ ގައުމުތަކުން ދަނީ ބައިވެރިވަމުންނެވެ.
މުރާސިލުން ސިފަކުރާ ގޮތުގައި މި ބައްދަލުވުންތަކަކީ އޯއައިސީއަށް ގޮންޖަހާލާނެ ގުރޫޕެއް އުފެއްދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުންތަކެކެވެ.
ސައުދީ އަރަބިއްޔާގެ ވެރިރަށް ޖިއްދާގައި މަރުކަޒު ކޮށްފައިވާ 57 މެމްބަރުންގެ މައްޗަށް އެކުލެވޭ އޯއައިސީއިން ބުނީ، މި ފަދަ ސަމިޓްތަކަކީ އިސްލާމީ އުއްމަތް އިތުރަށް ބަލިކަށިކޮށްލާނެ ސަމިޓްތަކެއް ކަމަށެވެ.
އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޔޫސުފް އަލް-އުތައިމީން ވިދާޅުވީ، އޯއައިސީގެ ފްރޭމްވާކުން ބޭރުން ސަމިޓްތައް ބޭއްވުމަކީ އިސްލާމީ ގައުމެއްގެ މަސްލަހަތު އެކަމުގެ ތެރޭގައި ހިމެނެންވާނެ ކަމެއް ނޫންކަމަށެވެ. ވަކިން ހާޢްސަކޮށް ދުނިޔޭގެ އެކި ހިސާބުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަމުންދާއިރު، މިއީ މަސްލަހަތު އޮތް ގޮތެއް ނޫންކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ކަނޑައެޅިގެން މެލޭޝިއާގެ ނަން ފާހަގަކުރައްވާފައެއް ނުވެއެވެ.
އޯއައިސީއަށް ލިބޭ އުނިކަމަކީ އިސްލާމީ އުއްމަތަށާ މުސްލިމުންނަށް ލިބޭ ނިކަމެތި ކަމެއް ކަމުގައި އަލް-އުތައިމީން ވަނީ ފާހަގަކުރައްވާފައެވެ.
ކަންމިހެން އޮތް ނަމަވެސް މެލޭޝިއާގެ ބޮޑުވަޒީރު، ޑރ މަހާތީރު މުޙައްމަދު ވަނީ މި ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އެގޮތުން ސައުދީގެ ސަލްމާން ރަސްގެފާނާއެކު ފޯނު މެދުވެރިކުރައްވާ ކުރިއަށް ގެންދެވި މަޝްވަރާތަކުގައި، މެލޭޝިއާ ސަމިޓްގެ މަގުސަދަކީ އެއްވެސް ހާލެއްގައި އާ އިސްލާމީ ބްލޮކެއް އުފެއްދުން ނޫންކަމަށް ވިދާޅުވެ، އެ ތުހުމަތުތަކަށް ޑރ މަހާތީރު ވަނީ އިންކާރު ކުރައްވާފައެވެ.
މެލޭޝިއާގެ އޮފިޝަލުން ވިދާޅުވީ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ސަލްމާން ރަސްގެފާނަށްވެސް ދައުވަތު އަރުވާފައިވާނެ ކަމަށާ، ނަމަވެސް ބައްދަލުވުންތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައި ނުގަންނަވާ ކަމަށެވެ.
މުސްލިމު ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދަން އެއްބައިވަންތަކަން ލިބެނިވި ގޮތެއްގައި ގޮންޖަހަންވާނީ އޯއައިސީގެ ތެރެއިން ކަމަށް، ޑރ މަހާތީރާއެކުގައި ކުރިއަށް ގެންދެވި ފޯނު ކޯލުގައި ސަލްމާން ރަސްގެފާނު ވިދާޅުވެފައިވާކަމަށް ޚަބަރު ލިބެއެވެ.
ދާދިފަހުން ސައުދީއަށް ދަތުރުކުރެއްވި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންވެސް މެލޭޝިއާ ސަމިޓްގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރަށްފަހު ސައުދީއާއި ބޮޑެތި ދެބަސްވުންތަކެއް އުފެދިފައިވާ ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން ގެންދަވަނީ މެލޭޝިއާ ސަމިޓްގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ކަންމިހެން އޮތްއިރު، މެދުއިރުމަތީގެ މަސްރަހު ދިރާސާކުރަމުންދާ ބައެއް އެނަލިސްޓުން ފާހަގަކުރާ ގޮތުގައި މުސްލިމު ގިނަ ގައުމުތަކަކުން ސައުދީއާއި ގުޅުން ބަދަހި ކުރުމަށް މިހާރު ފަސްޖެހެމުންދަނީ ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް)ގެ ސަބަބުންނެވެ.
19 ޑިސެމްބަރު ވީ ބުރާސްފަތި ދުވަހުން ފެށިގެން 4 ދުވަހުގެ މުއްދަތަކަށް މެލޭޝިއާގައި ކުރިއަށްދާ ސަމިޓްއަކީ ވެރިކަން ހިންގުމާ، ދެމެހެއްޓެނިވި ތަރައްގީގެ އިތުރުން ހައްދުފަހަނައަޅާ ދިއުމާ، އިސްލާމް ދީނާ ގުޅިގެން އުފައްދާ ހަގީގަތެއް ނެތް ބިރުވެރިކަމާ ދެކޮޅަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ފަހި ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ސަމިޓެއް ކަމަށް މައުލޫމާތު ލިބެއެވެ.