ޓްވީޓަކާއި ގުޅިގެން ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒަށް ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވައިފި އެވެ.

ކޯޓުން މުނާޒަށް ފޮނުވާފައިވާ ޗިޓްގައި ބުނެފައިވަނީ އޭނާ ކޯޓަށް ހާޒިރުކުރަނީ އޭނާ ކުރައްވައިފައިވާ ޓްވީޓަކާ ގުޅިގެން ކަމަށެވެ. މުނާޒު ކޯޓަށް ހާޒިރުކުރަނީ އެކަމުގެ ހަގީގަތް ބެލުމަށެވެ. އެ ޓްވީޓުގެ ސަބަބުން ކްރިމިނަލް ކޯޓާ މެދު ނުބައި ތަސައްވުރެއް އުފެދިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. މުނާޒް ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މެންދުރު 1:00 އަށެވެ.

މަރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މެންބަރެއްގެ މަގާމުވެސް ކުރިން ފުރުއްވި މުނާޒަކީ ސިފައިންގެ ހިދުމަތުގައި ވަރަށް ގިނަ ދުވަސް ހޭދަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ފަހުން ބައެއް އެހެން މަގާމުތައްވެސް ވަނީ ފުރުއްވާފައެވެ.