ކަފާލާތުގެ ދަށުން ކުރީގެ ރައީސް އަބުދުﷲ ޔާމީން ދޫކޮށްލުމަށް އެދި އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީނަށް ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެމައްސަލަ މިހާރު ވަނީ ހައި ކޯޓްގައި އިސްތިއުނާފްވެސް ކޮށްފައެވެ.

ކުރީގެ ނައިބް ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނި ވަޑައިގަންނަވާ، ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން ބެއިލް އަށް އެދި ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

"ޒަމާނީ ޖުޑިޝަރީތަކުގައި ރައްޔިތުންނަށް ލިބިދޭ މިފަދަ ހައްގުތައް ރާއްޖޭގެ ކޯޓުތަކުން މީގެ ކުރިންވެސް ނަގަހައްޓާފައިވާތީ، ރައީސް ޔާމީނަށްވެސް ލަސްނުވެ ބެއިލްގެ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން އެބައޮތް،" ޖަމީލްގެ ޓްވީޓްގައިވެއެވެ.

ޖަމީލް ވަނީ އެޓްވީޓާއެކު ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އެމަނިކުފާނުގެ ފޮޓޯއެއްވެސް ޓްވީޓްގައި ހިމަނާފައެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ވަނީ، ރައީސް ޔާމީން ޖަލު ހުކުމް ތަންފީޒުކުރަމުން ދަނީ ބޭއިންސާފުން ކަމަށް ބުނެ، އެކަން ބައިނަލް އަގްވާމީ އިސް ފަރާތްތަކާއިވެސް ބައްދަލުކޮށް އެކަން ހިއްސާކޮށްފައެވެ. ޕްރޮގްރެސިވް ކޯލިޝަނުން ބުނީ މިކަމާއި ގުޅޭގޮތުން ރާއްޖެ ތަމްސީލް ކުރާ ކޮލޮމްބޯގެ ހުރިހާ މިޝަންއަކާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އޭގެ އިތުރަށް ބައިނަލްއަގްވާމީ އެކި ފަރާތްތަކަށްވެސް މައުލޫމަތު ހިއްސާ ކުރައްވައިފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ބާރުއަޅާނެކަމުގެ ޔަގީންކަން އެ ފަރާތްތަކުން ދީފައިވާކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގެ ދައުވާގައި، ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރުން ރައީސް ޔާމީން ވަނީ ޖޫރިމަނާކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާގައި ހުކުމް ތަންފީޒުކުރަމުންދާއިރު، އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއިން އެކަން ގަބޫލު ނުކުރެއެވެ. މިކަމާއި ގުޅިގެން ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުން ރައީސް ޔާމީނު ދޫކޮށްލުމަށް އެދި ގޮވާލައި އިހުތިޖާޖުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައިވެސް އިދިކޮޅު މެންބަރުން މުޒާހަރާތައް ކުރިއަށް ގެންދިޔައެވެ. ނަމަވެސް މިހާރު އިހުތިޖާޖްތައް ވަނީ ހުއްޓާލާފައެވެ.