ސީރިއާގައި ކުރަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ އެކި ކޭމްޕުތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހި އަންހެނުންނާއި ކުޑަކުދިން ކުރިއަށް އޮތް ހަތް މަސް ތެރޭގަ ރާއްޖެ އަނބުރާ ގެނެވޭނެކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ކައުންސިލަރުންނާ އެކު ބޭއްވި "ވިއަވަތި" މަހާސިންތާގައި ކައުންސިލަރެއްގެ ސުވާލަކާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ހަނގުރާމަ އަށް ސީރިއާ އަށް އެތެރެވި 173 ދިވެހިންގެ ތެރެއިން އެތަނުގައި މިހާރު ތިބީ 59 މީހުން ކަމަށެވެ. އޭގެ ތެރެއިން ހަަތަރު ފިރިހެނަކު ފިޔަވައި ދެން ތިބީ މުޅިން ވެސް ކުޑަކުދިންނާއިި އަންހެނުންކަމަށް ހަމީދު ވިދާޅުވި އެވެ. އަދި އެ މީހުންނާއި އާއިލާތަކުން ވެސް އަންނަނީ އަނބުރާ ރާއްޖެ ގެނެސްދިނުމަށް އެދެމުންކަމަށް ހަމީދު ވިދާޅުވި އެވެ.

އަދި އެ މީހުން ރާއްޖެ އަނބުރާ ގެނެސް ރީހެބިލިޓޭޓް ކުރާނެކަމަށާއި، އެކަމަށް ކ. ހިންމަފުށީގައި އަންނަނީ އެކަމަށް ހާއްސަ ސެންޓަރެއް ވެސް އަޅަމުންނެވެ. ހަމީދު ވިދާޅުވީ އެކަން ކުރިއަށް ގެންދާނީ، ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުގެ މަތިން ހަރުކަށި ފިކުރުގެ މީހުން ރީހެބިލިޓޭޓް ކުރެވޭނެ މެކޭނިޒަމްތައް ގާއިމްކޮށްގެން ކަމަށެވެ.

ސީރިއާގައި ކުރަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ އެކި ކޭމްޕުތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެންނަން ޖެހޭ ކަމަށާއި، އދ. އާއި އެހެން ބައެއް ޖަމިއްޔާތަކާ ގުޅިގެން އެކަން ކުރިއަށް ގެންދަވާ ކަމަށް ރައީސްވަނީ މީގެ ކުރިންވެސް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވި ސީރިއާގައި ތިބި ދިވެހިން ގެނެސް އެމީހުން ރިހިބިލިޓޭޓް ކުރަން ޖެހޭ ކަމަށެވެ. އަދި އެމީހުންނަށް ވަރަށް ބޮޑަށް ކިޔައިދީ އޮޅުންފިލުވައިދީ މުޖްތަމައު ތެރެއަށް ނެރުމުގެ ކުރިން ކުރަންޖެހޭ ވަރަށް ބައިވަރު ކަންތައްތަކެއް އެެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.