ކުރިއަށް އޮތް 2020 ވަނަ އަހަރަށްފަހުގައިވެސް ވެރިކަމުގައި ދެމި ހުންނެވުން އެކަށީގެންވާ ކަމުގެ ސިގުނަލެއް، މެލޭޝިއާގެ ބޮޑުވަޒީރު ޑރ މަހާތީރު މުޙައްމަދު ދެއްވައިފިއެވެ.

މިފަދަ ސިގުނަލެއް ޑރ މަހާތީރު ދެއްވާފައި މިވަނީ، މިދިޔަ އަހަރު މެލޭޝިއާގައި އޮތް ތާރީހީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް އެންމެ ގާތުން މަސައްކަތް ކުރެއްވި މެލޭޝިއާގެ ސިޔާސީ ލީޑަރު، އަންވަރު އިބްރާހީމަށް މެލޭޝިއާގެ ވެރިކަން ދެއްވާނެ ކަމުގެ އިޝާރާތެއް ޑރ މަހާތީރު ކުރެއްވިތާ އެންމެ 4 ވަރަކަށް ދުވަސް ފަހުންނެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހުގައިވެސް ޑރ މަހާތީރު ވަނީ ސިޔާސީ ހަޔާތުން މުސްކުޅިވެވަޑައިގެން، މެލޭޝިއާގެ ވެރިކަމުން އަންވަރަށް ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ކުށްލި ގޮތަކަށް ޑރ މަހާތީރުގެ ސިޔާސީ އަޒުމު ބަދަލުވިކަމުގެ ސިގުނަލެއް ލިބިފައި މިވަނީ، ޤަތަރުގައި ކުރިއަށް ދޯހާ ފޯރަމްގެ ހަވާސާގައި ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވި ދެއްވުމުގެ ތެރޭގައެވެ.

2020 ވަނަ އަހަރު މަގާމުން އިސްތިއުފާ ދެއްވުން އެކަށީގެންވޭތޯ ދެންނެވުނު ސުވާލަށް ޖަވާބު ދެއްވަމުން ޑރ މަހާތީރު ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވާނެކަމަށް ކުރިންވެސް ވިދާޅުވެފައިވާނީ ކުރީގެ ސަރުކާރުން މެލޭޝިއާއަށް ކުރިމަތިކޮށްފައި އޮތް މައްސަލަތައް ހައްލުކުރެވެމުން އެކަނިކަމަށެވެ. އަދި ބޮޑުވަޒީރުކަން ދޫކޮށްލައްވާނީ ކޯލިޝަނުން ކަނޑައަޅާ ކެންޑިޑޭޓަކަށް ކަމަށްވެސް ޑރ މަހާތީރު ވަނީ ވިދާޅުވެފައެވެ.

މެލޭޝީއާގެ އާ ލީޑަރުގެ ގޮތުގައި އަންވަރު އެންޑޯޒް ކުރައްވަފާނަންތޯ ސުވާލު ދެންނެވުމުން ޑރ މަހާތީރު ވިދާޅުވީ، މާޒީގައި ކުރެވިފައިވާ ހިތި ތަޖުރިބާތަކަށް ބަލާއިރު މެލޭޝިއާގެ ބޮޑުވަޒީރުކަމަށް އެންމެ އެކަށީގެންވާ ޝަހްސަކާ މެދު އެއްވެސް ވަރެއްގެ ޔަގީންކަމެއް އަދި ނެތް ކަމަށެވެ. މީގެ ކުރިންވެސް އޭނާއަށް ފަހު ވެރިކަމުގައި ހުންނަވާނެ ފަރާތްތަކެއް ކަނޑައަޅުއްވާފައި ވާނެ ކަމަށާ، ނަމަވެސް އެފަރާތްތަކުން ވެރިކަމަށް ވަޑައިގަތުމަށްފަހު ކަންކުރެއްވީ މުޅިން ތަފާތު ގޮތަކަށް ކަމަށް ޑރ މަހާތީރު ވަނީ ވިދާޅުވެފައެވެ.