ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިގެންދާ މުދަލާއި ފައިސާ އެއްވެސް ޝަރުތެއްނެތި ދައުލަތަށް އަނބުރާ ލިބެންޖެހޭކަމަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ކޮމިޝަނުގެ ރައީސް މި ގޮތަށް ވިދާޅުވެފައިވަނީ، ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވާހާ ގުޅިގެން މިމަހުގެ 9 ވަނަ ދުވަހު، އޭސީސީ އިން ނެރުނު ބުލެޓިންގެ ހާއްސަ އަދަދަށް ދެއްވި ހިތާބުގައެވެ. ކޮރަޕްޝަންގެ އަމަލުތައް މަނާކުރާނެ ގާނޫނެއްގެ އިތުރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްތައް ކުރާނެ ވަކި ވަކި ފަރުދުން ބޭނުންވާކަމަށާއި، ކޮރަޕްޝަންގެ އަމަލުތަކަށް ޖާގަ ނުދިނުމަށް މުއައްސަސާތަކުގެ މުވައްޒަފުން އަޒުމް ކަނޑައަޅަން ޖެހޭކަމަށާއި މުޖުތަމައަށް ނުކުންނަ ދަރިވަރުންނަކީ، ނަޒާހަތްތެރި ދަރިވަރުންތަކެއްގެ ގޮތުގައި ބިނާ ކުރުމަށް މައިންބަފައިންނާއި މުދައްރިސުންގެ ހިއްސާ ބޮޑުކަމަށް ޝިއުނާ ވިދާޅުވި އެވެ.

މީގެއިތުރުން، ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެކަށީގެންވާ ނަތީޖާ ފެންނަންޖެހޭކަމަށާއި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު އިންސާފުވެރި ޝަރީއަތެއްކޮށް އަދަބު ދެވެންޖެހޭކަމަށްވެސް އެކަމަނާ ވިދާޅުވެފައި ވެއެވެ.