މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާ ދެކޮޅަށް ޕްރޮގްރެސިވް ކޯލިޝަނުން ހިމޭން އިހުތިޖާޖެއް ފަށައިފިއެވެ.
މިއީ މިއަދު ފާހަގަކުރަމުން އަންނަ އިންސާނީ ހައްގުތަކުގެ ދުވަހާވެސް ގުޅިގެން ކުރިއަށް ގެންދާ އިހުތިޖާޖެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން މައުލޫމާތުދެއެވެ.
މި އިހްތިޖާޖު ކުރިއަށް ދަނީ ޔޫއެން އޮފީސް ކުރިމަތީގަ އެވެ. ޕީޕީއެމް އަދި ޕީއެންސީއަށް ތާއީދުކުރާ މީހުން އެތަނަށް އެއްވެފައި ތިބީ ރައީސް ޔާމީންގެ މައްސަލައާ ގުޅުން ހުރި ޝިއާރުތައް އިނގިރޭސިން ލިޔެފައި ހުރި ބޯޑުތަކެއް ހިފައިގެންނެވެ. އެ މެސެޖުގައި އިދިކޮޅު ޕާޓީގެ ލީޑަރު ރައީސް ޔާމީން ދޫކޮށްލުމާއި، އިދިކޮޅު ފަރާތްތަކަށް ފުރައްސާރަ ނުކުރުމަށް ގޮވާލައި ބޯޑުތައް ހިފައިގެން ބައެއް މީހުން ތިއްބެވެ. އެ އިހުތިޖާޖުގައި ބައިވެރިވި ބައެއް ފަރާތްތަކުން ތިބީ ކަނު ބަނދެގެން ނެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދަނީ ރައީސް ޔާމީން ޖަލުން މިނިވަންކުރުމަށް އެދި ތަފާތު އެކި ދުވަސް މަތިން އިހުތިޖާޖުތައް ކުރަމުން ނެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށާ އަދި އެކަން ގަބޫލު ނުކުރާކަމަށް ބުނެ ތަކުރާރުކޮށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.